ޚަބަރު

ޖެހިޖެހިގެން 5ވަނަ ފަހަރަށް ވާދޫއިން ގދ. ގެ ޗެމްޕިއަންކަން


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން، ރާއްޖޭގެ ފުޓްސަލްގެ ގަދަބާރެއްގެ ގޮތުގައި ނަން ފަވާލާފައިވާ ވާދޫއިން ހޯދައިފިއެވެ.

ވާދޫއިން މި އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ހޯނޑެއްދޫގެ މައްޗަށް 4-6 އިން ކުރިހޯދައިގެންނެވެ.

ވާދޫއަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ވިދުންގަދަ، އެންމެ އަގުބޮޑު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ހިމެނޭ ޓީމެކެވެ. އެގޮތުން ރާއްޖޭގެ ފުޓްސަލްގެ ރަސްގެފާނެއްގެ ގޮތުގައި ބެލެވޭ އަޙްމަދު އަޔާޒް (އަޔާ)، މުޙައްމަދު އިޔާދު އަލީ، މުޙައްމަދު ނާއިލް (އެއްޑަ) އަދި މުސައްނިފު މުހައްމަދު (މުއްސެ) އަކީ ފާހަގަކޮށްލެވޭ ނަންތަކެކެވެ.

ވާދަވެރި، އެހެންނަމަވެސް ވާދޫކޮޅަށް ބުރަވެވޭ މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަޔާޒްއާއި ނާއިލްގެ އިތުރުން މުސައްނިފް އަދި ޔަޒްދާން އިބްރާޙީމެވެ. އަޔާޒްއާއި ނާއިލް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ.

ހޯނޑެއްދޫގެ ލަނޑުތައް މެޗުގައި ޖަހައިދިނީ އިސްމާއިލް މަމްދޫޙާއި މުޙައްމަދު އިއުފާފް އަބްދުﷲ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާދޫގެ އަޔާޒްއެވެ.

މުބާރާތުގެ ފައިނަލަށް ވާދޫ ދަތުރުކުރީ، ގދ. ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި އަތޮޅު ސެމީއިން ޖާގަ ހޯދައި، ފައިނަލް ވާދޫއިން ކަށަވަރުކުރީ ފިޔޯރީގެ މައްޗަށް 1-6 އިން ކުރިހޯދައިގެންނެވެ.

ޖުމްލަ ހަ ޓީމު މި އަތޮޅުން ވާދަކުރި ގދ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ދެ ގުރޫޕަކަށް، ބަހާލައިގެންނެވެ.

ގދ. ގެ ޗެމްޕިއަންކަން ވާދޫއިން ހޯދިއިރު އަތޮޅު ޓޮޕް ސްކޯރަރ ގެ އެވޯޑާއި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ވާދޫގެ މުސައްނިފެވެ.