ވޯލްޑް ކަޕާ ގުޅުގެން ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ނިންމައިފިއެވެ.
"ވީ އާ 26 ކާނިވަލް"ގެ ނަމުގައި ކުރިއަށް ގެންދާ މި ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު 16:00 އިން 18:00އަށް ޓީވީ ބިލްޑިންގުގެ ގޯތިތެރޭގައެވެ.
ޕީއެސްއެމްގެ، ޑިރެކްޓަރ ސޭލްސް އެންޑް މާކެޓިން، މަރިޔަމް ހުނާ ވިދާޅުވީ، މިފަދަ ކުޑަކުދިންގެ ހަވީރެއް އިންތިޒާމް ކުރުމުގެ މަޤްސަދަކީ އެކުވެރި މަޖާ މާހައުލެއްގައި ވޯލްޑްކަޕްގެ ފޯރި ތަޖުރިބާކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ކުޑަކުދިންނަށް ހޯދާދިނުން ކަމަށެވެ. ޕީއެސްއެމް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ހަަރަކާތުގައި ޖުމްލަ 19 ސްޓޯލް ހިމެނެއެވެ. ކޮންމެ ސްޓޯލް އެއްވެސް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިން ޝައުގުވެރިވާނެ ފަދަ ގޮތަކަށް ކަމަށް ހުނާ ވިދާޅުވިއެވެ.
"ކިޑްސް ކާނިވަލް އަށް ވީހާވެސް ގިނަ ބަޔަކު އައުން އަޅުގަނޑުމެންގެ އެދުމަކީ. މަޖާ ގޭމްތަކާއެކު ކުރިއަށްދާނީ މި ހަރަކާތް. ފުޑް ސްޓޯލްތައް ވެސް ހިމެނޭނެ މީގެ ތެރޭގައި" ހުނާ ވިދާޅުވިއެވެ.
ތަފާތު އެކި އުމުރުފުރާތަކުގެ ކުޑަކުދިންނަށް ކުޅެވޭނެ ފަދަ ކުޅިވަރުތައް އެކުލެވޭ ގޮތަށް ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޕީއެމްއެސްގެ ޓީވީ ބިލްޑިންގުގެ ގޯތި ތެރޭގައެވެ. ކުޑަކުދިންނަށް ކަމުދާނެ ފަދަ ހިތްގައިމު ހަރަކާތްތައް ހިމެނޭ މި ހަވީރަކީ ކުޑަކުދިންނަށް ކުޅިވަރުތަކުގައި ބައިވެރިވެ ހަދިޔާވެސް ލިބޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތް އިންތިޒާމްކޮށްފައި ވަނީ އާއިލާތަކުން ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، ވޯލްޑްކަޕްގެ ޖޯޝު ކުޑަކުދިންނާއެކު ތަފާތު ގޮތަކަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭ ގޮތަށެވެ. ކުޑަކުދިންގެ ހަވީރަށް ކުދިން އަންނަ އިރު، އެ ކުއްޖަކު ވޯލްޑްކަޕްގައި ސަޕޯޓް ކުރާ ޓީމެއްގެ ޖަރޒީގައި އައުމަށް ޕީއެސްއެމުން އެދެއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ވާދަވެރި އެންމެ ގިނަ ޤައުމު ވާދަކުރާ އެންމެ ފޯރިގަދަ ވޯލްޑް ކަޕަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ދިވެހިންނަށް ރާއްޖޭގައި ފެންނާނީ ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ.
ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކާއި ކުޅުންތެރިންގެ މަޢުލޫމާތާއެކު ދިވެހިންނަށް ޚާއްޞަކޮށްގެން ވެބްސައިޓެއް ޕީއެސްއެމުން ވަނީ ލޯންޗުކޮށްފައެވެ.