ޚަބަރު

ޕީކް ސީޒަނަށް، 12 ރަށަކަށް ޖެންސެޓް ފޮނުވަނީ


  • 12 ރަށަކަށް ބޭނުންވާ 12 ޖެންސެޓު ފޮނުވާނެ

  • 600، 800، 1000ކިލޯވޮޓްގެ ޖެންސެޓު ފޮނުވާނެ

ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް 12 ރަށަކަށް ބޭނުންވާ ޖެން ސެޓް ފޮނުވުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ފަށައިފިއެވެ.

ކޮންމެ އަހަރަކުވެސް ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރެއެވެ. މިއަހަރުވެސް ރަމަޟާންމަހަށް ތައްޔާރުވުމުގެ މަސައްކަތްތައް ސްޓެލްކޯއިން މިވަނީ ފަށާފައެވެ.

ސްޓެލްކޯއިން ވިދާޅުވީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

މި މަސައްކަތުގެ ދަށުން 12 ރަށަކަށް ބޭނުންވާ 12 ޖެންސެޓު ފޮނުވުމަށް ވަނީ ނިންްމާފައެވެ. މީގެތެރޭގައި ހިމެނެނީ 600ކިލޯވޮޓް، 800ކިލޯވޮޓް، އަދި 1000ކިލޯވޮޓް، ގެ ޖެން ސެޓްތައް ކަަމަށެވެ. މި ޖެންސެޓްތައް މިރަށްރަށަށް ގެންގޮސް ރޯދައިގެ ކުރިން އިންސްޓޯލްކޮށް ނިމޭނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. ސްޓެލްކޯއިން ވިދާޅުވީ މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދެވުނު 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ދަނީ ބޭނުން ކުރެވެމުންނެއެވެ. މިއާއެކު، ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރެވި، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވުމާއެކު، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.