ޚަބަރު

ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި އުރުބާނީ ރާއްޖެ އަތުވެއްޖެ


  • އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރު

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ހަމަޖެއްސި ހަންގޭރީގެ ކޯޗު އިސްޓަވާން އުރުބާނީ، ޓީމާ ހަވާލުވުމަށް ރާއްޖެ އައިސްފިއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރު ފަހުއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ އުރުބާނީ ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވާ ތިންވަނަ ފަހަރެވެ. މިފަހަރު އޭނާ ހެޑް ކޯޗުކަމާ ހަވާލުވީ، އެފްއޭގެ ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާވެސް އަދާކުރާ ގޮތަށެވެ.

ތިން ފަހަރަށް ރާއްޖޭގެ ގައުމީ ކޯޗުކަމާ ހަވާލުވި އެއް ސަބަބަކީ އެފް.އޭ.އެމުގެ މެނޭޖްމަންޓް ބަދަލުވެ ރައީސްކަމާ އޭނާގެ ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ހަވާލުވުންކަމަށް އުރުބާނީ ބުނެފައިވެއެވެ.

ހަންގޭރީގެ ތަޖުރިބާކާރު ކޯޗު އުރުބާނީ އެންމެފުރަތަމަ ރާއްޖެ އައީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ފަހުއެވެ. އޭނާ ބުނީ 2009 އާއި 2011ގައި ވެސް އޭނާގެ ކޯޗުކަމުގައި ރާއްޖޭގެ ގައުމީ ޓީމު ވަރަށް ރަނގަޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ހޯދި ކަމަށެވެ.

ނަމަވެސް އެންމެ އުފާވީ 23 އަހަރުން ދަށުގެ ޓީމު ގޮސް ސްރީލަންކާގައި އޮތް ރާޖަޕަކްސާ މުބާރާތް ކާމިޔާބު ކުރުމުން ކަމަށް އޭނާ ބުނެފައިވެއެވެ.

އުމުރުން 58 އަހަރުގެ އުރުބާނީ ވަނީ ހަންގޭރީގެ ބައެއް ކުލަބުތަކާއި އެމެރިކާގެ ބައެއް ކުލަބުތަކަށް ވެސް ކޯޗުކަންކޮށްދީފައެވެ. އެގޮތުން އެމެރިކާގެ ސްޕޯޓިންގް ކެންސަސް ސިޓީގެ ޒުވާން ޓީމަށާއި ކޯ ވެލީ އެފްސީއަށް ވެސް އޭނާ އިރުޝާދުދީފައިވެއެވެ.

އުރުބާނީއަކީ ޔޫރަޕު ފުޓުބޯޅައިގައި ކޯޗުންނަށް ދޭ އެންމެ މަތީ ކޮލިފިކޭޝަންކަމަށްވާ ޔޫއެފާ ފްރޯ ކޯޗިން ލައިސެންސް ހާސިލްކޮށްފައިވާ ފަރާތެކެވެ.

އޭނާ ފާހަގަކުރެވެނީ ޒުވާން ކުޅުންތެރިން ކުރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭ، ޒަމާނީ ޓީމެއް އެކުލަވާލަން މަސައްކަތްކުރާ މޮޅު ކޯޗެއްގެ ގޮތުގައެވެ.