އަންނަ އޭޕްރީލު މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިޚާބުތައް އޮބްޒާވްކުރުމުގެ ފުރުޞަތު ކޮންމެ ފަހަރަކުވެސް އިލެކްޝަންސް ކޮމިޝަނުން ބޭރުގެ ފަރާތްތަކަށް ހުޅުވާލައްވައެވެ. ބޭރުގެ ފަރާތްތަކަށް އިންތިޚާބު ކަވަރކުރުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ. މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކާއި ވަކި ވަކި ފަރުދުންނަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުންކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދީގެ ނުވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.
އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަކީ އެހެން އަހަރުތަކާއި ޚިލާފަށް އިދާރީ ގިނަ ކަންކަން ވަރަށް ބޮޑަށް ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށް ގެންދާ އިންތިޚާބެކެވެ. ވޯޓާސް ލިސްޓާއި ގުޅޭ ކަންކަމުން ފެށިގެން ގޮސް ކެނޑިޑޭޓުން ފޯމު ބަލައިގަތުމާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޑިޖިޓަލައިޒްކޮށް އޮންލައިންކޮށް ހުށަހެޅޭ ގޮތަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން 3 ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިޚާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި 2 އަންހެން ކައުންސިލަރުން ހިމެނޭހެން 5 ކައުންސިލަރުން ނެވެ. މި އިންތިޚާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭނީ ރަށާއި ސިޓީ ކައުންސިލަށް އިންތިޚާބު ކުރާ އަދަދަށެވެ.