ޚަބަރު

ޖެމްސްގެ އައު ވާޝަން މާރިޗު މަހު ބޭނުން ކުރަން ފަށަނީ


  • އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް އައު ވާޝަން މެދުވެރިކޮށް ކުރެވޭނެ

  • އައު ވާޝަނާއެކު ކަރުދާސް ދޫކޮށްލުމުން ޚަރަދު ކުޑަކުރެވޭނެ

ސަރުކާރުގެ އިދާރާތަކުގައި ލިޔެކިއުން ބެލެހެއްޓުމަށް ބޭނުންކުރާ ގަވަމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމް، ޖެމްސްގެ ދެވަނަ ވަރޝަން މާރިޗު މަހު ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް ޑިޖިޓަލް ސާވިސެސްއިން ވިދާޅުވެއްޖެއެވެ. މި ވަރޝަން ފަރުމާކުރެވިފައިވަނީ ކަރުދާހާއި ނުލައި ހުރިހާ ޚިދުމަތެއް ލިބޭ ގޮތަށް ކަމަށް އެއިދާރާއިން ވިދާޅުވިއެވެ.

"ޖެމްސް" އަކީ ސަރުކާރުގެ އެކި ޚިދުމަތްތައް ދިނުމުގައި އޮފީސްތަކުގައި ލިޔެކިޔުން ބަދަލުކުރުމާއި ލިޔެކިޔުން ބެލެހެއްޓުމުގެ އިތުރުން އިދާރީ ގޮތުން ހަމަޖައްސާ ކަންކަން ހަމަޖައްސަން ބޭނުން ކުރަމުން އަންނަ ނިޒާމެކެވެ. މި ނިޒާމު 2012ވަނަ އަހަރު ބޭނުން ކުރަން ފެށިފަހުން އެކި ދުވަސްވަރު ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އަދި ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަ ދަތިތަކެއް ހުރިކަމަށް ސަރުކާރުން ވިދާޅުވިއެވެ. މިއާއެކު ސަރުކާރުގެ މޯލްޑިވްސް 2.0 ސިޔާސަތުގެ ތެރެއިން ނިޒާމު މުޅިން އެއްކޮށް އަޕްގްރޭޑް ކުރުމަށް ވަނީ ނިންމާފައެވެ.

މިމަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ މީގެ ކުރިން ސަރުކާރުގެ ނެޓްވޯކްތަކުގެ ތެރޭގައި ޖެމްސް ބޭނުން ކުރެވުނު ނަމަވެސް އައު ވާޝަނާއެކު ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ޖެމްސް ބޭނުން ކުރެވޭނެ ގޮތަށް މުޅި ނިޒާމު ފަރުމާކުރެވިފައިވާނެއެވެ. ޑިޖިޓަލްކޮށް ސޮއިކުރެވޭނެ ފަދަ މުހިންމު ފީޗަރތައް މިއައު ވާޝަނުގައި ތަޢާރަފްކުރެވޭއިރު، ފުރަތަމަ މަސައްކަތް ކުރާނީ ކަރުދާސް މަދުކުރެވޭނެ ގޮތަށް ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ޖެމްސްގެ އައު ވާޝަން ފަރުމާކޮށްފައިވަނީ ޕޭޕަރލެސް ސިސްޓަމެއް ގޮތުގައި، މީގެ ސަބަބުން އެއްގޮތަކަށްވެސް ކަރުދާސް ބޭނުން ނުޖެހޭނެ. މީގެ ސަބަބުން ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ" ޑރ. ކިނާނަތު ވިދާޅުވިއެވެ.

މި ނިޒާމަށް ގިނަ ބަދަލުތަކެއް ގެނެސް އައު ވާޝަނެއް މާރިޗު މަހު ސަރުކާރުގެ އިދާރާތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް މޯލްޑިވްސް ޑިޖިޓަލް ސާވިސެސްއިން ވިދާޅުވެއެވެ. ޕީއެސްއެމްގެ ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޑިޖިޓަލް ސާވިސެސްގެ ގަވަމެންޓް ޑިޖިޓަލް ސާވިސެސްގެ ޕްރޮޖެކްޓް މެނޭޖަރ ޝަޒްރާ މުހައްމަދު ސަޢީދު ވިދާޅުވީ އައު ވާޝަނުގައި ކުރިން ޖެމްސް މެދުވެރިކޮށް ނުލިބޭ ގިނަ ފަސޭހަތައް ލިބިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ބޭނުން ކުރާ ވާޝަނުގައި ހަމައެކަނި އިދާރާތަކުގެ ލިއެކިއުންތައް ބެލެހެއްޓުމުގެ ކަންކަން ކުރެވުނު ނަމަވެސް އައު ވާޝަނުގައި އިދާރީ ގޮތުން އެތަނެއްގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވޭހެން ފަރުމާކުރެވިފައިވާ ކަމަށެވެ.

"މިހާރު މި ނެރޭ އައު ވާޝަންގައި ހިމެނޭނެ، ކޭސް މެނޭޖްމެންޓާއި މެއިލް މެނޭޖްމެންޓާއި މިހެން ގޮސް އިދާރާއެއްގައި އެޑްމިނިސްޓްރޭޓިވްލީ ކުރަން ޖެހޭ ގިނަ މަސައްކަތްތައް މީގައި ހިމެނޭނެ. ރައްޔިތުންނަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި ކުރީގައި 2 އަހަރު ކުރިން ރައްޔިތުންނަށް ލިޔެކިއުން ހުށަހަޅަން މޮޑިއުލްއެއް ތައްޔާރުކޮށްފައިވާނެ، އެއާއި އެކު މި ވާޝަން އައީމަ ގޭގައި ތިބެގެން ލިއެކިއުންތައް އިދާރާތަކަށް ހުށަހެޅޭނެ" ޝަޒްރާ ވިދާޅުވިއެވެ.

މޯލްޑިވްސް ޑިޖިޓަލް ސާވިސެސްއިން ވަނީ މި ހާރު މި ނިޒާމަށް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. މިހާތަނާށް 960 އެއްހައި އިދާރާގައި މި ނިޒާމަށް އަހުލުވެރިކުރުމުގެ ތަމްރީން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޑިޖިޓަލް ސާވިސެސްއިން ވަނީ މި ނިޒާމު ބޭނުން ކުރަން ފަށާއިރު އަމާޒަކީ މީގެ ކުރިން ބޭނުން ކުރަމުން އައި ހުރިހާ އެޕްލިކޭޝަންތައް ދޫކޮށް އައު އެޕްލިކޭޝަންތަކަށް ބަދަލުވުން ކަމަށެވެ. ނަމަވެސް އެކަން ތަންފީޒު ކުރާނީ މަރުހަލާތަކަށް ބަހާލައިގެން ކަމަށް ޑިޖިޓަލް ސާވިސެސްއިން ވިދާޅުވިއެވެ.