ކުޅިވަރު

ޒިދާންގެ ވާހަކަ: ރެއާލްގައި ކުރިއަށްދެވޭނީ ކުޅުންތެރިންނާ ގުޅިގެން މަސައްކަތް ކޮށްގެން


ރެއާލް މެޑްރިޑުގައި އޭނާ އަށް ކުރިއަށް ދެވުނީ ކުޅުންތެރިނާ ގުޅިގެން މަސައްކަތް ކުރުމުން ކަމަށް މަޝްހޫރު ކޯޗު އަދި ކުރީގެ މިޑްފީލްޑަރު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުޅުންތެރިންނާ މައްސަލަ ޖެހި ރެއާލްގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިކުރުމުން ބޮޑު ބަހުސެއް އުފެދިފައިވަނިކޮށެވެ.

"ކުޅުންތެރިން އެނގެން ޖެހޭނެ. އެތަނުގައި (ކޯޗަކަށް) ހުންނަނީ ކުޅުންތެރިންނަށްޓަކައި. އެ މީހުން ލައްވައި ކަމެއް ކުރުވޭނީ އެ މީހުންގެ އެނގިގެން. އެ މީހުން ގޮވައިގެން ނަތީޖާ ނެރެވޭނީ އެ މީހުންނާ ގުޅިގެން،" ޒިދާން ބުންޏެވެ.

ކޯޗެއްގެ ގޮތުގައި ވިދިވިދިގެން ރެއާލް އަށް ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ފްރާންސްގެ ކުރީގެ ކެޕްޓަން ބުނީ އޭނާ ކޯޗުކަމާ ހަވާލުވިއިރު ޓީމުގެ ގިނަ ކުޅުންތެރިން ފިޓް ނޫން ކަމަށެވެ.

"އަހަރެން ގެނައީ ޓީމުގެ ހަތަރު ކެޕްޓަނުން. އެ މީހުންގެ ހިޔާލު ހޯދީ. އޭރު ޗެމްޕިއަންސް ލީގަށް އޮތީ އެންމެ ތިން މަސް. އަހަރެން އެ މީހުން ގާތު ބުނީ މިވަގުތު (އެހާލަތުގައި ތިބެ) ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑާ ކުޅެފިއްޔާ އަހަރުމެން ބަލިވާނެއޭ. އެ ހިސާބުން ފެށިގެން ސީޒަނުގެ މެދުތެރޭގައި ކުޅުންތެރިން ކާޑިއޯ ސެޝަންތަކެއް ފުރިހަމަ ކުރަން ފެށި. އެންމެ ފަހުން ސީޒަން ނިމުނުއިރު އަހަރުމެން ސްޕެނިޝް ލީގުގައި ބާސެލޯނާ ބަލިކުރިން. ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯ ބަލިކުރިން،" ކުޅުންތެރިންނާ ގުޅިގެން އޭނާ ކާމިޔާބު ހޯދި ގޮތް ޒިދާން އޮޅުން ފިލުވައިދިނެވެ.

އޭނާ އަދި ބުނީ ކުޅުންތެރިންގެ ތެރޭގައި ތަފާތު ވައްތަރުގެ ކުޅުންތެރިން ތިބޭނެ ކަމަށާއި ރެއާލް މެޑްރިޑް މޮޅު ޓީމަކަށްވަނީ އެ ހުރިހާ ކުޅުންތެރިންނާ އެކުގައި ކަމަށެވެ. އަދި ކުޅުންތެރިން ލައްވައި ކަމެއް ކުރާނަމަ އެކަމަށް ވަރަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭނެ ކަމަށާއި ހެނދުނު 9 ޖަހާއިރު އޭނާ ފަށާ މަސައްކަތް ނިންމަނީ ރޭގަނޑު 11 ޖަހާއިރު ކަމަށެވެ.

"އެ މީހުން އުޅޭ ގޮތް، އެ މީހުންގެ ނަފްސާނީ ގޮތުން ތައްޔާރުވެގެން ތިބޭ ގޮތް، އެ މީހުންގެ އަމަލުތައް ހުންނަ ގޮތް ދަސް ކުރަން ޖެހޭނެ. އެ މީހުން އެނގިގެން ކުރިއަށް ދެވޭނީ. އެއީ އެންމެ މުހިންމު ކަންތައް،" ޒިދާން ބުންޏެވެ.

ރެއާލް މެޑްރިޑުގައި އޭނާ ކޯޗުކޮށްދިންއިރު އެންމެ މަޝްހޫރު މީހަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޒިދާން ބުނީ ބްރެޒިލްގެ މަޝްހޫރު ޕެލޭ އާއި އާޖެންޓީނާގެ ޑިއެގޯ މަރަޑޯގެ ވާހަކަ ބާއްވާފައި އޭނާ ނަގާނީ ރޮނާލްޑޯ ކަމަށެވެ. އަދި ކޯޗެއްގެ ގޮތުގައި އޭނާ ކާމިޔާބު މީހަކަށްވީ ރޮނާލްޑޯގެ ސަބަބުން ކަމަށެވެ.

ރެއާލްގައި މިހާރު ޖެހިފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަލޮންސޯ އަށްވުރެ ކުޅުންތެރިން ބާރުގަދަވި މައްސަލަ އެވެ. މިއަށްފަހު އަލޮންސޯ ވަކިކޮށް މިހާރު ކޯޗުކަން ދީފައިވަނީ އަލްވާރޯ އާބެލޯއާ އަށެވެ.