ޔަމަންގެ ބޮޑުވަޒީރު، ސަލީމް ބިން ބަރީކްގެ އިސްތިޢުފާ އެ ޤައުމުގެ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލުން ޤަބޫލުކޮށްފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.
ސަބާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަރީކްގެ އިސްތިޢުފާ ޤަބޫލުކުރުމަށްފަހު، އައު ބޮޑުވަޒީރުކަމަށް، ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ޝާޔާ މުޙްސިން ޒަންދާނީ ވަނީ ޢައްޔަނުކޮށްފައެވެ.
ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމަށް، ވަޒީރުންގެ އައު މަޖިލީހެއް އެކުލަވައިލުމުގެ މަސައްކަތް ޒަންދާނީ ފައްޓަވާފައިވާކަމަށް ވެސް އެ ނޫހުން ބުންޏެވެ. ބަރީކް އިސްތިޢުފާ ދެއްވާފައިމިވަނީ، ޔަމަންގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޔަމަނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް، އެސްޓީސީގެ ހަނގުރާމަވެރިންވަނީ މިދިޔަ މަހު، ޔަމަނުގެ ދެކުނުގެ ގިނަ ސަރަޙައްދުތަކަކަށް އަތްގަދަކޮށްފައެވެ. ޔަމަނުގައި ޞުލްޙަ ދެމެހެއްޓުމަށް އެހީީތެރިވުމަށް ސަޢުދީން އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަޤްވާމީ އިއްތިޙާދުން ވަނީ އެސްޓީސީގެ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ވަރުގަދަ ހަރަކާތެއް ހިންގުމަށްފަހު، އެ ސަރަޙައްދުތައް ސަލާމަތްކޮށްފައެވެ.
ސަޢުދީން ތުހުމަތުކުރާ ގޮތުގައި، އެސްޓީސީއަކީ ޔޫއޭއީން ވާގިވެރިވާ ޖަމާޢަތެކެވެ. ނަމަވެސް، އެ ތުހުމަތު ޔޫއޭއީން ވަނީ ތަކުރާރުކޮށް ދޮގުކޮށްފައެވެ. އެކަމާ ގުޅިގެން، ސަޢުދީ އާއި ޔޫއޭއީ އާދެމެދު ވެސް ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ.