ޗުއްޓީ ދުވަސްވަރާ ދިމާކޮށް، މޯލްޑިވިއަންއިން ކުއާލަލަމްޕޫރަށާއި ބެންކޮކަށް ކުރި މޫސުމީ ބައިނަލްއަޤްވާމީ ދަތުރުތަކަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރަކުވެސް ސުކޫލު ބަންދާއި އަދި ޗުއްޓީތަކާއި ދިމާކޮށް މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކާއި އަދި ބައިނަލްއަޤްވާމީ އުދުހުންތަކުގެ ފްލައިޓްތައް އިތުރު ކުރެއެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ރާއްޖޭއާއި ބޭރުގެ އެކި ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުޞަތު އިތުރު ކުރުމެވެ. މިއާއިއެކު މިފަހަރުވެސް ސުކޫލު ބަންދާއި ދިމާކޮށް މޯލްޑިވިއަންއިން ވަނީ، އެކި މަންޒިލްތަކަށް ދަތުރުތައް އިތުރުކޮށްފައެވެ.
މޯލްޑިވިއަންއިން ވިދާޅުވީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް، މޯލްޑިވިއަންއިން ކުއާލަލަމްޕޫރަށާއި ބެންކޮކަށް ކުރި މޫސުމީ ބައިނަލްއަޤްވާމީ ދަތުރުތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ. މި ދަތުރުތަކުގެ ގިނަ ފްލައިޓްތައް އޮޕަރޭޓް ކުރީ ފްލައިޓުތައް ފުރިގެން ކަމަށާއި ޗުއްޓީ ދުވަސްވަރު ބާރުބޮޑުވާ ވަގުތުތަކަށް އަމާޒުކޮށް ފެށި މި ދަތުރުތަކަށް ދިވެހި ދަތުރުވެރިންގެ ފަރާތުން މުޅި ސީޒަނުގައިވެސް ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަށެވެ.
މޯލްޑިވިއަންއިން ވިދާޅުވީ، ކުއާލަލަމްޕޫރު އަދި ބެންކޮކް މަގުން ޖުމްލަ 2,120 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކުރި ކަމަށެވެ. މިއީ، ސްކޫލު ބަންދާއި އަހަރު ނިމޭ ދުވަސްވަރު ކުރު ޗުއްޓީތަކަށާއި، ވިޔަފާރި ދަތުރުތަކުގެ އިތުރުން އެހެން މަންޒިލްތަކަށް ދަތުރު ކުރުމަށް ސަރަޙައްދީ މަންޒިލްތަކަށް އޮތް ޑިމާންޑް ހާމަކޮށްދޭ ކަމެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.
ކުއާލަލަމްޕޫރާއި ބެންކޮކް ދަތުރުތަކުން ފެނިގެންދިޔަ މި ކާމިޔާބީން ހާމަވަނީ، ދިވެހި ދަތުރުވެރިންގެ މެދުގައި ސަރަޙައްދީ މަންޒިލްތަކަށް އޮތް މަޤުބޫލު ކަމެވެ. އަދި މިއީ ދަތުރުވެރިންގެ ބޭނުންތަކަށް ބަލައިގެން، އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ދަތުރުތައް ރޭވުމަށް މޯލްޑިވިއަންއިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ދައްކުވައިދޭ ކަމެއް ކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.
ހަމައެއާއެކު، ބައިނަލްއަޤްވާމީ އެހެން ރޫޓުތަކަށް އޮތް ޑިމާންޑަށް ބަލައި، ޓްރިވެންޑްރަމް އަދި ކޮޗިންއަށް ކުރާ ދަތުރުތައްވެސް މޯލްޑިވިއަންއިން ވަނީ އިތުރުކޮށްފައެވެ. އަދި ބައެއް ފްލައިޓްތަކުގައި ބޮޑެތި ބޯޓުތައް ބޭނުންކޮށްގެން، ޖާގަ އިތުރު ކުރުމުގެ އިތުރުން ފަސިންޖަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކޮށްފައިވެއެވެ. މީގެ އިތުރުން، ޗުއްޓީ ދުވަސްވަރު އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޖިއްދާއަށްވެސް އިތުރު ފްލައިޓުތަކެއް ވަނީ ބާއްވާފައެވެ.
މޯލްޑިވިއަނުން ވިދާޅުވީ އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގައި، ޑިސެންބަރު މަހުގެ މެދުތެރެއިން ފެށިގެން ޖެނުވަރީ މަހުގެ ނިޔަލަށް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން އިތުރަށް 500 އަށްވުރެ ގިނަ ފްލައިޓް ބާއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައިވެސް އިތުރު ދަތުރުތައް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ. މީގެ އިތުރުން، އަހަރުގެ އެންމެ ބާރުބޮޑު މި ދުވަސްވަރު ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމަށް ސީޕްލޭންގެ ޚިދުމަތްތަކަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާތީ އޮޕަރޭޝަންތައް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުގައިވެސް މޯލްޑިވިއަންއިން އިސްކަންދޭނީ މާކެޓުގެ ޑިމާންޑަށް ބަލައިގެން ދަތުރުތައް ރޭވުމަށާއި، ޚާއްޞަ މޫސުމީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ. އަދި ކުރިމަގުގައި ދަތުރުފަތުރަށް އޮންނަ ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުން ބައިނަލްއަޤުވާމީ އެތެެރޭގެ އަދި ސީޕްލޭންގެ ޚިދުމަތްތައް އިތުރަށް ވަރުގަދަ ކުރުމަކީ އަމާޒެއް ކަމަށްވެސް ޤައުމީ އެއާލައިން، މޯލްޑިވިއަނުން ވިދާޅުވިއެވެ.