ޚަބަރު

އޮސްޓްރޭލިޔާގައި 5 މިލިޔަން މީސްމީޑިޔާ އެކައުންޓު ފުހެލައިފި


މިދިޔަ ޑިސެމްބަރު މަހުގެ 10ވަނަ ދުވަހު އޮސްޓްރޭލިޔާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމާ ގުޅިގެން، އެ އުމުރުފުރައިގެ ކުދިން ބޭނުން ކުަމުންދިޔަ ފަސް މިލިޔަނެއްހާ މީސްމީޑިޔާ އެކައުންޓު ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ޑީއެކްޓިވޭޓްކޮށްފިއެވެ.

އޮސްޓްރޭލިޔާގެ އީ-ސޭފްޓީ ކޮމިޝަނަރު ވިދާޅުވީ ޤާނޫނު ތަންފީޒު ކުރަން ފެށި ފަހުން ތަފާތު މީސްމީޑިޔާ ޕްލެޓްފޯމްތައް ހިމެނޭހެން މިހާތަނަށް 4.7 މިލިޔަން އެކައުންޓު ފުހެލާފައިވާ ކަމަށެވެ. އެ ކަމުން ވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުގެ ހެޔޮ ނަތީޖާ ދޭހަކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮސްޓްރޭލިޔާގައި ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅަކީ ދުނިޔޭގެ އެއްވެސް ސަރަޙައްދެއްގައި އަޅާފައިވާ މި ފަދަ ފުރަތަމަ ފިޔަވަޅެެވެ. އެ ނިންމުމާއެކު އޮސްޓްރޭލިޔާގައި އިންސްޓަގްރާމްއާއި ފޭސްބުކްއާއި ޔޫޓިއުބްއާއި ޓިކްޓޮކްއާއި ސްނެޕްޗެޓްއާއި އެކްސް ހިމެނޭ ގޮތަށް ގިނަ މަޤުބޫލު މީސްމީޑިޔާ މަންސަތައް ބޭނުން ކުރުން 16 އަހަރުން ދަށުގެ ކުދިންނަށް ވަނީ މަނާވެފައެވެ. ކުޑަކުދިން ބޭނުންކުރާ އެކައުންޓުތައް ނުފޮހެލާ ނަމަ މީސްމީޑިޔާ ކުުންފުނިތަކުން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެ ގޮތުން ޤާނޫނު އެކުލަވާލާފައި ވަނީ އެ ޤާނޫނު ތަންފީޒު ކުރުމަށް އެދެވޭ ފިޔަވަޅުތައް ނާޅާ ކުންފުނިތައް 33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށެވެ.

މިހާތަނަށް ފުހެލާފައިވާ އެކައުންޓުގެ ޢަދަދު ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރެވެ. ފުހެލާފައިވާ އެކައުންޓުގެ ޢަދަދަކީ އޮސްޓްރޭލިޔާގެ އާބާދީގައި ހިމެނޭ އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ދެ އެކައުންޓާ ގާތްކުރާ ޢަދަދެކެވެ. ބައެއް އެކައުންޓުތައް އަދިވެސް ބޭނުން ކުރަމުންދިޔަ ނަމަވެސް މިއީ ޤާނޫނަށް އަމަލުކުރަން ފެށިތާ ފުރަތަމަ މަސް ކަމަށް ވެފައި އެ ޤާނޫނު އަދި އެންމެ ފުރިހަމައަށް ތަންފީޒުނުވުން އެކަށީގެންވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

އިދާރާތަކުން އިތުރަށް ބުނީ މީސްމީޑިޔާ ބޭނުންކުރާ މީހުންގެ އުމުރު ކަށަވަރު ކުުރުމަށް ބޭނުންކުރާ ނިޒާމުތައް ސަުކާރާއި މީސްމީޑިޔާ ކުންފުނިތަކުން އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށެވެ. މިހާތަނަށް ފެންނަ ފެނުމަށް ޤަނޫނު ތަންފީޒުކުރުމުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އޮމާންކޮށް ކަމަށް ފެނެއެވެ. ކުރިއަށް އޮތް ތަނުގައި މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމުން ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަންނަ ބަދަލު ދިރާސާކުރުމަށް އޮސްޓްރޭލިޔާއިން ވަނީ ރާވާފައެވެ.