ޚަބަރު

އަޒްވާގެ ހެޓްރިކާއެކު ޕާކިސްތާނުން ލަންކާ ބަލިކޮށްފި


ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ޕާކިސްތާނުން ސްރީލަންކާގެ މައްޗަށް ކުރިހޯދައިފިއެވެ.

ބެންކޮކުގެ ހުއާ މާކް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ޕާކިސްތާނުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޕާކިސްތާނުންނެވެ. މެޗުގެ ކުރީކޮޅު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޒްވާ ޗޯދަރީއެވެ.

އެފަހުން ލަންކާއިން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދަމުން ދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ލަންކާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

1-1 އިން އެއްވަރުވެފައި އޮވެގެން ދެ ޓީމުން ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ވެސް ފުރަތަމަ ލަނޑުޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑުނެގީ ޕާކިސްތާނުންނެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޒްވާ ޗޯދަރީއެވެ.

އަޒްވާގެ ލަނޑަށް މިނެޓެއް ވެސް ނުވަނީސް ލަންކާއިން ވަނީ އަލުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ދިލާޝާއެވެ.

މެޗު ނިމެން ގާތްގަނޑަކަށް ދެ މިނެޓަށްވެފައި ވަނިކޮށް އަޒްވާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ޕާކިސްތާނަށް ތިންވަނަ ފަހަރަށް ލީޑުނަގައިދީ މެޗުން މޮޅުކޮށްދީފައެވެ.

މި ނަތީޖާއާއެކު މުބާރާުގެ ޕޮއިންޓް ތާވަލު އެތުރިފައިވާ ގޮތަށް ބަލާއިރު ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓު ހޯދައިގެން އޮތީ ނޭޕާލެވެ. ދެވަނައިގައި ޕާކިސްތާން ވެސް ދެ މެޗުން ހަތަރު ޕޮއިންޓާއި ފައިދާ ދެ ގޯލާއެލު ހޯދާފައިވެއެވެ.

ތިންވަނައިގައި އޮތް އިންޑިއާއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ފައިދާ ގޯލުގެ ގޮތުގައި އަށް ލަނޑު އެބައޮތެވެ. ތާވަލުގެ ހަތަރުވަނައިގައި ބަންގްލަދޭޝް އޮތީ އެއް މެޗުން ތިން ޕޮއިންޓާއެކު، ފައިދާ ދެ ގޯލު ލިބިގެންނެވެ. ފަސްވަނައިގައި ބޫޓާން އޮތީ އެއް މެޗުން އެއް ޕޮއިންޓާއެކުއެވެ.

ހަވަނައިގައި އޮތް ލަންކާއަށް ވެސް ދެ މެޗުން ޕޮއިންޓެއް ލިބިފައިވާއިރު ގެއްލުން އެއް ގޯލު އެބައޮތެވެ. ފުލުގައި ރާއްޖެ އޮތީ ދެ މެޗުން ޕޮއިންޓެއް ނުލިބިއެވެ.