ޚަބަރު

މިދިޔަ އަހަރަކީ ދުނިޔޭގެ ތާރީޚްގައި ތިންވަނައަށް އެންމެ ހޫނުގަދަ އަހަރު


ނިމުނު 2025ވަނަ އަހަރަކީ، ދުނިޔޭގެ ތާރީޚްގައި ތިންވަނައަށް އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައި ރެކޯޑުކުރެވިފައިވާކަމަށް ވިލާތުގެ ސައިންސްވެރިން ބުނެފިއެވެ.

ވިލާތުގެ މޫސުމާބެހޭ އިދާރާ، ޔޫރަޕިއަން ސެންޓަރ ފޯ މީޑިއަމް ރޭންޖް ވެދަރ ފޯކަސްޓުން ބުނީ، މިދިޔަ އަހަރު ދުނިޔޭގެ އެވަރެޖު ފިނިހޫނުމިން ހުރީ 1.47 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އެއާއެކު، ފާއިތުވި 11 އަހަރަކީ، ފަހުގެ ތާރީޚެއްގައި އެންމެ ހޫނު ގަދަ އަހަރުތަކުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ކަމަށާއި، މި އަހަރުވެސް ހޫނުމިން ދަށްވާނެކަމަށް ލަފާނުކުރެވޭކަމަށް އެ އިދާރާއިން ބުންޏެވެ.

އެ އިދާރާއިން ބުނި ގޮތުގައި، އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ 2024ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ހޫނުމިން ދަށްވެފައިވަނީ އެންމެ 0.13 ސެލްސިއަސްއެވެ. ދުނިޔޭގެ ތާރީޚްގައި ދެވަނައަށް އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 2023ވަނަ އަހަރެވެ.

މިއީ، ޕެރިސް އެގްރީމަންޓުގައި ކަނޑައެޅި 1.5 ސެލްސިއަސްގެ ލިމިޓު، ވިދިވިދިގެން ތިން އަހަރުގެ ތެރޭގައި ހުރަސްކުރި ފުރަތަމަ ފަހަރުކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ވިލާތުގެ އިދާރާގެ އިތުރުން، އިނގިރޭސިވިލާތުގެ މޫސުމާބެހޭ އިދާރާގެ ތަފާސްހިސާބުންތަކުން ވެސް ދައްކާ ގޮތުގައި، މިދިޔަ އަހަރަކީ ދުނިޔޭގެ ތާރީޚްގައި ތިންވަނައަށް އެންމެ ހޫނުގަދަ އަހަރެވެ.

އިނގިރޭސިވިލާތުގެ މޫސުމާބެހޭ އިދާރާއިން ބުނި ގޮތުގައި، މި މިންވަރަށް ދުނިޔޭގެ އެވަރެޖު ހޫނުމިން މަތިވެފައިވަނީ، ޖައްވަށް ބޭރުވާ ވިހަ މާއްދާތަކުގެ މިންވަރު އިތުރުވަމުންދާތީއެވެ.

ފަރަންސޭސިވިލާތުގެ ޕެރިހުގައި 2015ވަނަ އަހަރު، 200އެއްހާ ޤައުމުން ބައްދަލުވެ، އެއްބަސްވެފައިވަނީ ދުނިޔޭގެ ހޫނުމިން 1.5 ސެލްސިއަސަށްވުރެ މަތިނުވެ ހިފެހެއްޓުމަށެވެ. ނަމަވެސް، ޖައްވަށް ބޭރުވާ ވިހަ މާއްދާތައް ކޮންޓްރޯލްކުރުމުގައި، ޤައުމުތަކުގެ މެދުގައި ދެބަސްވުންތައް އިތުރުވެ، އެ ޢަމާޒަށް ވާޞިލްވެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިގޮތުން، ޖައްވަށް ދެވަނައަށް އެންމެ ގިނައިން ވިހަ މާއްދާތައް ބޭރުކުރާ އެމެރިކާއިން ވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ޙަވާލުވެވަޑައިގެންނެވުމާއެކު ޕެރިސް އެގްރީމަންޓުން ވަކިވެފައެވެ. އަދި އެއްވަނައިގައި އޮތް ޗައިނާއިން، މިދިޔަ ސެޕްޓެމްބަރު މަހު އަޅާނެކަމަށް އިޢުލާނުކުރި ފިޔަވަޅުތަކުން އެކަށީގެންވާ އަސަރެއް ނުކުރާނެކަމަށް ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

މިކަމުގައި ބޮޑެތި ޤައުމުތަކުން އެއްގަލަކަށް އަރައި، ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުނުކޮށްފިނަމަ، ޕެރިހުގައި ކަނޑައެޅި ލިމިޓަށް ވުރެ، ދުނިޔޭގެ ހޫނުމިން، ވަރަށް އަވަހަށް މަތިވާނެކަމުގެ ކަންބޮޑުވުން އދއިން ވެސް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފާޅުކޮށްފައެވެ.