ޚަބަރު

ނިއުއާ ދެކޮޅަށް ކުޅޭއިރު ޓީމުތަކުން ވަގުތު ބޭކާރު ކުރާތީ ސުޒެއިންގެ ނުރުހުން


ދިރާގު ދިވެހި ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ ޓީމުތަކުން، ވަގުތު ބޭކާރު ކުރާކަމަށް ބުނެ އެ ޓީމުގެ ކޯޗު އަލީ ސުޒެއިން ނުރުހުން ފާޅުކޮށްފިއެވެ.

ޓީސީއާ ދެކޮޅަށް ކުޅެ އުނދަގޫ މޮޅެއް ހޯދި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ސުޒެއިން ބުނީ، އުނދަގުލުން މެޗުން މޮޅުވެވުނަސް، މި މޮޅަކީ ކުޅުންތެރިން ހުއްޓުމެއްނެތި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ޓީސީން މެޗުގައި ކުޅުނު ކުޅުމާ ގުޅޭގޮތުން ސުޒެއިން ބުނީ، ޓީސީގެ ގޮތުގައި ޓީސީން ކުޅުނު ކުޅުން ވެސް ގޯސް ނޫން ކަމަށެވެ. އެހެންނަމަވެސް، ޓީސީން މެޗު ލަސްކޮށް، ވަގުތު ބޭކާރުކުރަން މަސައްކަތްކުރިކަމަށް ސުޒެއިން ބުންޏެވެ.

"ޓީސީ ރަނގަޅު އެމީހުންގެ ގޮތުގައި. އަނެއްހެން ގޯހެއް ނޫން. ފަހު ހާފުގައި ވެސް 45 މިނެޓުގެ ތެރެއިން 10 ވަރަކަށް މިނެޓުވެސް ކުޅެލާކަށް ނުލިބުނު. ފެންނާނެ ބަލަން ތިއްބެވި ހުރިހާ ފަރާތްތަކަކަށް. އެކަމު އެއީ ވެސް ވައްތަރެއް ކަންނޭނގެ (ފުޓުބޯޅައިގެ). އެއީ ވެސް ވައްތަރެއްކަމަށް ބަލަމާ ހިނގާ" ޓީސީން މެޗުގައި ވަގުތު ބޭކާރުކުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ސުޒެއިން ބުންޏެވެ.

މީގެއިތުރުން، ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ ޓީމުތަކުން، އާންމު ގޮތެއްގައި ވަގުތު ބޭކާރުކުރަން ގަސްތުގައި މަސައްކަތްކުރާތީ، ނިއުއިން ކުޅެން ބޭނުންވާ ގޭމް ނުކުޅެވޭކަމަށް ސުޒެއިން ބުންޏެވެ.

"ކުޅެގެން ސްކޯ ކުރެވޭނީ ވެސް. ނިއުރޭޑިއަންޓް އަދި ކިތަންމެ ވަރުގަދަ ޓީމެއް އޮތަކަސް ނޫނީ ކިތަންމެ ރަނގަޅަށް ކުޅުނަސްވެސް، ނުހުއްޓި ކުޅެން ލިބިގެން ކުޅެވޭނީ. އަބަދު ހުއްޓާލާފަ ސްޓްރެޗަރު އެރުވުމާ، މި ކަހަލަ ކަންކަން ދަންޏާ ނިއުރޭޑިއަންޓަށް އުނދަގޫވާނެ ކުޅޭއިރުގައި ކުޅެން. ހަމައެކަނި ޓައިމް ކިލް ކޮށްލާ ސްޕޮއިލިން ޓެކްޓިކްސްގައި ކުޅޭ މީހުންނަށް ރަނގަޅުވާނެ ކަންނޭނގެ. ނިއުރޭޑިއަންޓަށް މީކީ މާ ސަޅި އެއްޗެއް ނޫން". ނިއު އާ ދެކޮޅަށް ކުޅޭ ކޮންމެ ޓީމަކުން ވެސް ކަންކުރަނީ މިގޮތަށް ކަން ފާހަގަކޮށް ސުޒެއިން ބުންޏެވެ.

މުބާރާތުގައި ނިއުރޭޑިއަންޓަށް ދެން އޮތީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. މި މެޗުގައި ވެސް ފެނިގެންދާނީ ހަމަ ވަގުތު ބޭކާރުކުރުުގެ ގޭމް ޕްލޭނެއްކަމަށް ދެކޭކަމަށް ސުޒެއިން ބުންޏެވެ.

"ކުރިއަށް އޮތް މެޗަކީ އަނެއްކާވެސް ހަމަ މިކަހަލަ ގޮތަކަށް ދާނެ މެޗެއް ކަންނޭނގެ. އެކަމަކު މިހާވަރު (ޓީސީއާ ދެކޮޅަށް ކުޅުނު މެޗު) ނުވެދާނެ. އެހެންނަމަވެސް މިކަހަލަ ގޮތަކަށް ދާނީ. އެއީ މި ޓީމުތަކަކީ، އެމީހުން ރެލިގޭޝަނުން ސަލާމަތްވާން މި މަސައްކަތްކުރަނީ. އެހެންވީމަ ގަބޫލުވެސް ކުރަންޖެހޭނެ، އެމީހުން ވަރަށް އެހެންކަހަލަ ރޫހެއް ހުންނާނީ. އެހެންވީމަ އެޔަށް ވިސްނައިގެން އެ މެޗަށްވެސް ތައްޔާރުވާނީ". ޔޫވީއާ ދެކޮޅަށް ކުޅޭ މެޗުގައި ނިއުރޭޑިއަންޓުން ތައްޔާރުވާނެ ގޮތާ ގުޅޭގޮތުން ވާހަކަދައްކަމުން ސުޒެއިން ބުންޏެވެ.

މުބާރާތުގެ ގޭމްވީކް 14 ގައި ނިއުއިން ޓީސީގެ މައްޗަށް ކުރިހޯދީ ފަހުވަގުތު ކާމިޔާބުކުރި ދެ ލަނޑާއެކުއެވެ.

ލީގު ތާވަލުގައި ނިއުރޭޑިއަންޓް އޮތީ ކުޅުނު 14 މެޗުން 27 ޕޮއިންޓާއެކު ތިންވަނައިގައެވެ. ދެވަނައިގައި އޮތް އޮޑިއަށް، 14 މެޗުން 32 ޕޮއިންޓު ލިބިފައިވެއެވެ. މެޗުން ބަލިވި ޓީސީއަށް ނުވަ ޕޮއިންޓާއެކު ލިބެނީ ތާވަލުގެ ހަތްވަނައެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ ހަތަރު މެޗެވެ.