ކުޅިވަރު

ވޯލްޑް ކަޕް ކުޅޭ 15 ޤައުމަކަށް ވިސާ ނުދޭން ޓްރަމްޕް ނިންމަވައިފި


ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލް ހިމެނޭހެން މުބާރާތް ކުޅޭ 15 ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ދިއުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަނާކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ރައީސްގެ މި ނިންމުމާއެކު އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެން މި އަހަރުގެ ޖޫން މަހު ބާއްވާ މުބާރާތުގެ ކުރިމަގާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންތުން ބުދަ ދުވަހު ނެރުނު ރަސްމީ މެމޯގައި ވަނީ 75 ގައުމެއްގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކޮށްފަ އެވެ. މި ގައުމުތަކުގެ މީހުންނަށް އެމެރިކާ އަށް ވަދެވޭނީ އެމީހުންގެ ރެކޯޑްތައް ބަލައި ވަރަށް ރަނގަޅަށް ޗެކް ކުރުމަށްފަހު ހުއްދަ ދޭ ވަކި ބަޔަކަށެވެ. މި 75 ގައުމުގެ ތެރެއިން ވޯލްޑް ކަޕް ކުޅޭ 15 ގައުމު ހިމެނޭއިރު އެންމެ ބޮޑު ގެއްލުމެއް ދައްކާނީ ބްރެޒިލް ހިމެނޭ ގްރޫޕް ސީ އަށެވެ. މި ގްރޫޕުގައި ހިމެނޭ ބްރެޒިލް އާއި ސްކޮޓްލޭންޑް އަދި މޮރޮކޯ އަކީ ވެސް ޓްރަމްޕްގެ ވިސާ ނުދޭން ނިންމާފައިވާ ގައުމުތަކެވެ. މިހެންވެއްޖެނަމަ އެންމެ ބޮޑަށް ފަޅުވާނީ ހައިޓީ ވެސް ހިމެނޭ މި ގްރޫޕުގެ މެޗުތައް ކުޅޭއިރު ކަމަށް ބެލެވެ އެވެ.

ވިސާ ނުދޭން ނިންމި ވޯލްޑް ކަޕްކުޅޭ އަނެއް 12 ގައުމަކީ އަލްޖީރިއާ އާއި ކޭޕްވާޑޭ، ކޮލަމްބިއާ، އައިވަރީ ކޯސްޓް، މިސުރު، ގާނާ، އިރާން، ޖޯޑަން، ސެނެގާލް، ޓިއުނީޝިއާ، އުރުގުއޭ އަދި އުޒުބަކިސްތާނެވެ. މި ގައުމުތަކުގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލާނީ މި މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. މި ގައުމުތަކުން މީހަކު ވިސާ އަށް އެދި ހުށަހަޅައިފިނަމަ އެމެރިކާ އަށް އެތެރެވާން ހުއްދަ ދޭއިރު މުހިންމު ތިން ކަމަކަށް ވެސް ބަލަން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި އެ މީހެއްގެ އުމުރާއި ސިއްހަތާއި އިނގިރޭސި ބަސް އެނގުން ހިމެނެ އެވެ.

ޓްރަމްޕްގެ މި ނިންމުމަކީ އެމެރިކާގެ ފައިސާއިން އެހެން ގައުމުތަކުގެ ހިޖުރަވެރިންނަށް ހަރަދު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެ އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ. އޭނާގެ މި ނިންމުމާއެކު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.