ލުބުނާނުގެ ޙިޒްބުاللهއިން ޔަހޫދީ ދައުލަތަށް ދެމުންދާ ޑްރޯން ޙަމަލާތަައް ހުއްޓުވުމަށް ޔަހޫދީންނަށް ބޮޑެތި ދަތިތައް ހުރި ކަމަށް ޔަހޫދީ އަސްކަރިއްޔާއިން އިޢުތިރާފްވެއްޖެއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާ ދޭން ފަށައި، އެ ޙަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާއެކު އީރާނާ ގާތް ގުޅުމެއް ބާއްވާ ޙިޒްބުاللهއިން ވަނީ އެ ހަނގުރާމައަށް ވަދެ، ޔަހޫދީންނަށް ޙަމަލާ ދޭން ފަށައިފައެވެ.
ޔަހޫދީ އަސްކަރިއްޔާގެ މަސްދަރުތަކުން ބުނި ގޮތުގައި ޙިޒްބުاللهއިން ދެމުންދާ ޑްރޯން ޙަމަލާތައް ހުއްޓުވުމުގައި ޔަހޫދީންނަށް މިހާތަނަށް މާ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ޙިޒްބުاللهއާ ކުރިމަތިލަމުން ދަނީ ލުބުނާނާއި ޔަހޫދީ ދައުލަތާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގާ ކައިރި ސަރަޙައްދުތަކުގައި ހުންނަ އަވަށްތަކުން މީހުން ހުސް ނުކޮށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ހިނގާ ގޮތަށް ބަލައި، އެ ސިޔާސަތަށް ބަދަލުގެންނަން ޖެހިދާނެ ކަމަށް ޔަހޫދީ އަސްކަރިއްޔާގެ އޮފިޝަލުން ބުނެފައިވެއެވެ. އަދި ދެ ފަރާތުން ބަދަލުކުރަމުންދާ ޙަމަލާތައް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔުން އެކަށީގެންވާ ކަމަށް ވެސް މަސްދަރުތަކުން ބުނެފައިވެއެވެ.
ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ސަރަޙައްދީ ރޮނގު ހުރަސްކޮށް ހިޒްބުاللهގެ މުޖާހިދުން ޔަހޫދީ ދައުލަތަށް ވަނުމުގެ ފުރުޞަތު އެބައޮތެވެ. ޙިޒްބުاللهއިން ޔަހޫދީ ސަރަޙައްދަށް ރޮކެޓު ޙަމަލާތައް ދިނުމާއި، ހިޒްބުاللهގެ އަސްކަރީ ޤާބިލުކަން ވަރުގަދަ ކުރުމަކީ އެ ކަންކަމާ މެދު ޔަހޫދީން ނުހަނު ކަންބޮޑުވާ ކަންކަމެވެ.
މާރިޗު މަހުގެ 8ވަނަ ދުވަހު ވެސް ޙިޒްބުاللهއިން ވަނީ ޔަހޫދީ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ރޮކެޓާއި ޑްރޯން ބޭނުންކޮށްގެން ހަތް ޙަމަލާއެއް ދީފައެވެ. އަދި ޔަހޫދީން ލުބުނާނަށް ދިނުމަށް މަސައްކަތް ކުރި ދެ ޙަމަލާއެއް ވެސް ޙިޒްބުاللهއިން ކާމިޔާބުކަމާއެކު ދިފާޢުކޮށްފައިވެއެވެ.
2024ވަނަ އަހަރު ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ކުރި ހަނގުރާމައިގައި ޙިޒްބުاللهއަށް ބޮޑެތި ގެއްލުންތައް ލިބި ބަލިކަށިވި ނަމަވެސް އެ ޖަމާޢަތުން މިހާރު ވަނީ އަސްކަރީ ޤާބިލުކަން އިތުރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އެންމެ ފަހުގެ ޙަމަލާތައް ފެށިއިރު ގާތްގަނޑަކަށް 25،000 ރޮކެޓާއި މިސައިލް ޙިޒްބުاللهގެ އަތުގައި ހުއްޓެވެ. ޙިޒްބުاللهއިން ދަނީ ދުވާލެއްގެ މައްޗަށް ގިނަ ޢަދަދެއްގެ ޑްރޯންއާއި ރޮކެޓު ޙަމަލާތައް ދެމުންނެވެ. 2024ވަނަ އަހަރުގެ ހަނގުރާމައިގައި ޙިޒްބުاللهގެ 5،000 ހަނގުރާމަވެރިން މައިދާނުގައި ޝަހީދުވި ނަމަވެސް ޙިޒްބުاللهގެ ހަނގުރާމަވެރިންގެ ގޮތުގައި އަދިވެސް 95،000 ހަނގުރާމަވެރިން ތިބި ކަމަށް ޤަބޫލުކުރެވެއެވެ.