ވެނެޒުއެލާއިން ތެޔޮ ބޭރުކުރުން އަލުން ފެށުމާއެކު، ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ބާޒާރުގައި ތެލު އަގު މަތިނުވެ، ހިފެހެއްޓިއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މައި މިންގަނޑަކީ ބްރެންޓް ކްރޫޑާއި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ ސާފު ނުކުރާ ތެޔޮ ފީފާގެ އަގުތަކެވެ.
ފާއިތުވި ހަތަރު ދުވަހު ތެލުގެ އަގު މަތިވުމަށްފަހު، ބްރެންޓް ކްރޫޑުން ތެޔޮ ފީފާއެއްގެ އަގުން ވަނީ 20 ސެންޓު ދަށްވެ، 65.27 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ. ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްއިން ތެޔޮ ފީފާއެއްގެ އަގުން 23 ސެންޓު ތިރިވެ، ބާޒާރުގައި މިވަގުތު ހުރީ 60.92 ޑޮލަރުގައެވެ. ނަމަވެސް، އީރާންގެ ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ތެލުގެ ސަޕްލައިއަށް ކުރިމަތިވެދާނެ ނުރައްކަލުގެ ނުތަނަވަސްކަން ދުނިޔޭގެ ތެލުގެ ބާޒާރަށް އޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ ތެލު ސަޕްލައި އޮތީ ވަރަށް ބޮޑަށް ތާށިވެފައެވެ. ނަމަވެސް، އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރައި މަދޫރޯ ހައްޔަރުކޮށް ގެންދިޔުމަށްފަހު، ވަގުތީ ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކާ ގުޅިގެން، އެ ޤައުމުން ތެޔޮ ބޭރުކުރުން ވަނީ އަލުން ފެށިފައެވެ. މިގޮތުން، ގާތްގަނޑަކަށް 1.8 މިލިއަން ފީފާ ތެޔޮ ބަރުކޮށްގެން، މިދިޔަ ހޯމަ ދުވަހު ވެނެޒުއެލާއިން ދެ ތެޔޮ އުފުލާ އުޅަނދު ފުރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއީ ވެނެޒުއެލާގެ ވަގުތީ ސަރުކާރުން އެމެރިކާއަށް ދިނުމަށް އެއްބަސްވެފައިވާ 50 މިލިއަން ފީފާ ތެލުގެ ބައެއް ކަމަށްވެއެވެ.
އީރާންގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު އެ ޤައުމުގެ ތެލުގެ ސަޕްލައިއަށް ކޮށްފާނެކަމުގެ ބިރާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އަރާފާނެކަމަށް ތަޖުރިބާކާރުން ވަނީ ލަފާކުރައްވައިފައެވެ.