މާލޭގެ ގެއެއްގައި ކެނެބިސް ގަސްތަކެއް ހައްދައި ގެންގުޅުމާއި އަދި އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި މީހެއްގެ މައްޗަށް 100 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.
މިމައްސަލާގައި ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ، ނ.ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަޙްމަދު ޔާސިޙުގެ މައްޗަށެވެ. އޭނާ ކެނެބިސް ގަސްތަކެއް ގެންގުޅޭކަން އެނގިގެން ފުލުހުން އެ ސަރަޙައްދަށް ގޮސްފައިވަނީ، މިދިޔަ 2023 ވަނަ އަހަރުގެ މޭއި މަހުގެ 13 ވަނަ ދުވަހުއެވެ. މިމައްސަލާގައި ކުރިމިނަލް ކޯޓުން، އޭނާގެ މައްޗަށް ވަކިވަކިން ކުރިއަށް ގެންދިޔަ 4 ދަޢުވާއެއްގައި ޙުކުމްކޮށްފައިވެއެވެ.
މިމައްސަލާގައި ފުލުހުން ޔާސިހު ދިރިއުޅޭ ގެއަށް ގޮސްފައިވަނީ، އޭނާ ދިރިއުޅުނު ގ.ރިމިނީ ގޭގެ ބެލްކަނީގައި ކެނެބިސް ގަހެއް ހުރިކަމަށް ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން ކަމަށް ކޯޓުގައި ކޮށްފައިވާ ހުކުމުން އެނގެއެވެ. މިކަމާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް އޭނާ އެ ސަރަހައްދަށް އައިސް އޭއީ އޭނާގެ ގަހެއް ކަމަށް ބުނެފައިވާ ކަމަށްވެއެވެ. އަދި އޭނާ ދިރިއުޅޭ ގޭގެ ބެލްކަންޏާއި ކޮޓަރީގައިވެސް ގަސްތަކެއް ހުންނާނެ ކަމަށް ފުލުހުންގެ ގާތުގައި ބުނި ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ. އޭގެފަހުން އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުން އޭނާގެ ހުއްދައާއެކު އެޕާޓްމެންޓަށް ވަތް ކަމަށާއި، އެ އެޕާޓްމެންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައި ކެނެބިސް ހިމެނޭހެން މަސްތުވާތަކެތި އިތުރު ބާވަތްތައް ފެނިފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
މިމައްސަލާގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ކެނެބިސް 2 ގަސް ފެނިފައިވާއިރު، ބެލްކަނިން 4 ގަސް ފެނިފައިވާކަމަށް ކޯޓުން ކުރި ޙުކުމުގައިވެއެވެ.
މިމައްސަލައިގައި ޔާސިޙު ބުނެފައިވަނީ، އޭނާ މާލޭގައި އުޅުނު ގެއިން ފެނުނު ކެނެބިސް ގަސްތައް އެއީ އޭނާގެ ގަސްތަކެއް ކަމަށް އަމިއްލައަށް އޭނާ ބުނުމަކީ "އާދަޔާ ޚިލާފު" ކަމެއް ކަމަށެވެ.
މައްސަލާގައި ޔާސިޙުގެ މައްޗަށް ދައުލަތުން ވަނީ ހަތަރު ދަޢުވާއެއް ކޮށްފައެވެ. އެއީ
* މަސްތުވާތަކެތީގެ ބާވަތެއް އުފެއްދުމުގެ ދަޢުވާ
* މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާ
* ކެނެބިސް ޓްރެފިކް ކުރުމުގެ ދަޢުވާ
* ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ
މިމައްސަލަތަކުގައި ދިފާއުގައި ޔާސިޙު އޭނާ ދިރިއުޅޭ ތަނުން ފެނިފައިވާ ގަސްތަކަކީ، އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ބުނި ނަމަވެސް، ކެނެބިސް ގަސްތަކަކީ ރާއްޖެއިން ފެންނަ ބާވަތަކަށް ނުވެފައި އޭނާ އަތުގައި އެގަސްތައް ހުންނަންޖެހޭ އެކަށީގެންވާ ސަބަބެއް ދެއްކިފައިނުވާ ކަމަށް ކޯޓު ޙުކުމުގައިވެއެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ކުރި 4 ދަޢުވާއިން ކޮންމެ ދަޢުވާއަކަށް 25 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި އެއިން ކޮންމެ ދަޢުވާއަކަށް އޭނާ 100،000ރ. އިން ޖޫރިމަނާ ކޮށްފައިވާއިރު، މުޅި ޖުމްލަ 100 އަހަރުގެ ޖަލު ޙުކުމަކާއެކު 400،000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ. ނަމަވެސް ތަޙުޤީޤާއި ޝަރީއަތުގެ މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 2 އަހަރާއި، ހަތް މަހުގެ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބަކީ 98 އަހަރެވެ.
ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމަކީ، ހަރުކަށި އަދަބުތަކާއި ބޮޑެތި ޖޫރިމަނާތައް ކަނޑައެޅިފައިވާ ކުށެކެވެ.