މިދުވަސްވަރު ޑެންގީހުމާއި ރޯގާ އިތުރުވަމުންދާތީ ޢާއްމު ސާފުތާހިރު ކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ޢިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ފެނިފައިވާ މިންވަރުވަނީ، އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރުވެފައެވެ. ޑެންގީހުމުގެ އިތުރުން މި ދުވަސްވަރު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ފެންނަމުންދާ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.
މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމުން ދަތުރުކުރުން އިތުރުވެފައިވާތީ، އާންމުގޮތެއްގައިވެސް ބަލިތައް ފެނުން މިދުވަސްވަރު އިތުރުވެއެވެ. މި ދުވަސްވަރު އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ރޯގާތަކާއި، އިންފްލުއެންޒާ އަދި ޑެންގީހުމާއި، ބޭރަށް ހިންގުން ފަދަ ބަލިތައް ހިމެނޭ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިހާރު އުމްރާގެ ދަތުރުތައް ނިންމުމަށްފަހު މީހުން އަންނަމުންދާ ވަރަކަށް ރޯގާތައް އިތުރުވެފައިވާކަމަށް އެއިދާރާއިން ވިދާޅުވިއެވެ.
އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ޑެންގީހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރު ނޮވެންބަރު މަހު ޑެންގީގެ 382 ކޭސް ފެނިފައިވާއިރު، ޑިސެންބަރު މަހުގެ ނިޔަލަށް މިއަދަދު 413 އަށް ވަނީ އަރާފައެވެ. މިއީ 2024 ވަނަ އަހަރަށްވުރެ އިތުރުވުމެކެވެ. އެއަހަރުގެ ނޮވެންބަރު މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކޮށްފައިވަނީ 140 ކޭހެވެ. އަދި ޑިސެންބަރު މަހު ރިޕޯޓް ކޮށްފައިވަނީ 70 ކޭހެވެ.
ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ޑެންގީހުން ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ބަލީގެ އަލާމާތެއް ފާހަގަވާނަމަ ވަގުތުން ޞިއްޙީ އެހީތެރިކަން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޢިލްތިމާސް ކުރެއެވެ. ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައުޒާ އިބްރާޙިމް ވަނީ މަދިރިއަށް ސަމާލުވެ، ސާފުތާހިރު ކަމަށް ސަމާލުވުމަށް ޢިލްތިމާސްކުރައްވާފައެވެ.
" ބަލިވެ އުޅޭކަމުގައިވާނަމަ އަޅުގަނޑުމެން ނަސޭހަތްތެރިވަނީ އިހަށް އައިސޮލޭޓް ވެލާށޭ. ބަލި ރަނގަޅު ވަންދެން މަޑުކޮށްލާށޭ. އެވަރިހަމަ ރޯގާވިއަސް ބޭރަށް ހިންގުންވިއަސް. އަޅުގަނޑުމެންނަށް މިކަމަށް ސަމާލުވެވޭނީ މިކަންކަމަށް ސަމާލުވެގެން " އެޗްޕީއޭއިން ވިދާޅުވިއެވެ.
މި ދުވަސްވަރު ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް މި ބަލިތައް ރިޕޯޓް ކޮށްފައިވާ މިންވަރު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހު އަރިދަފުސް ރޯގާގެ 28619 ރިޕޯޓްކޮށްފައިވާއިރު، އޭގެ ކުރީ މަހު ރިޕޯޓްކޮށްފައިވަނީ 32859 ކޭހެވެ. މީގެއިތުރުން ބޭރަށް ހިންގުމުގެ ކޭސްތައްވެސް ރިޕޯޓްކޮށްފައިވާ މިންވަރު ދަށަށް ގޮސްފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަައެވެ. މިދިޔަ ޑިސެންބަރު މަހު ބޭރަށް ހިނގުމުގެ ރިޕޯޓްކޮށްފައިވަނީ 2931 ކޭހެވެ. ނަމަވެސް ނޮވެމްބަރ މަހު ރިޕޯޓް މިންވަރު ދެގުނަ އިތުރެވެ. އެ މަހު 4102 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރ މަސް ނިމުނުއިރު މުޅި ޖުމްލަ 1270 ކޭސް އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރެއިން ޑިސެންބަރު މަހު ޕޮޒިޓީވްވި ކަމަށް ދައްކަނީ، އެންމެ 152 ކޭހެވެ.
ޗުއްޓީ ދުވަސްވަރާއި ދިމާކޮށް ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ. ޚާއްޞަކޮށް ދަތުރުތައް އިތުރުވުމާއެކު ރައްޔިތުންގެ ގިނަ ކަންކަމަށް ސަމާލުކަން ދިނުމަށް ސިއްޚީ ޚިދުމަތް ދޭ ފަރާތްތަކުން ޢިލްތިމާސް ކުރެއެވެ. އަދި ބައްޔެއްގެ އެއްވެސް އަލާމާތެއް ފެންނަނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.