ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ޑޮލަރުން ދޭން ފަށައިފިއެވެ.
ޗަމްޕާ ރިސޯޓްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ މަޝްހޫރު ވިޔަފާރިވެރިންކަމަށްވާ މުޙައްމަދު މޫސާ (އުއްޗު) އަދި ހުސައިން އަފީފްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނީގައި މިވަގުތު 3000 އެއްހާ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި އެތައް އަހަރެއްގެ ގިނަ ދުވަހުގެ ތަޖުރިބާހުރި މި ކުންފުނީގައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން މި ރިސޯޓުތަކުގައި މުސާރަ ދެމުން އައީ ދިވެހި ރުފިޔާއިންނެވެ. އަދި މީގެ ދެތިން މަހެއް ކުރިން އެކުންފުނީގެ ބައެއް ރިސޯޓުތަކުގައި ޑޮލަރުން މުސާރަ ދޭން ފަށާފައިވީ ނަމަވެސް، މި ހިނގާ މަހުން ފެށިގެން އެކުންފުނީގެ ދަށުން ހިންގާ ހުރިހާ ރިސޯޓެއްގެ މުވައްޒަފުންނަށްވެސް މުސާރައާއި އިނާޔަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ޑޮލަރުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއީ މުވައްޒަފުންގެ މާލީ ތަނަވަސްކަމަށާއި، ބާޒާރުގައި ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކުން މުވައްޒަފުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ޗަމްޕާ ރިސޯޓްސްއިން މި ނިންމި ނިންމުމެކެވެ. މީގެ އިތުރުން، ޚާއްޞަކޮށް ޑޮލަރުގެ ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް މިކަމުގެ ސަބަބުން ލުޔެއް ލިބިގެންދާނެކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ޖުމްލަ 11 ރިސޯޓެއް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ. އޭގެތެރޭގައި ހިމެނެނީ، މަތީ ފަންތީގެ ޚިދުމަތްދޭ، ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑާއި، ހުރަވަޅި މޯލްޑިވްސްއާއި، ކަގީ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއާއި، ވެލިގަނޑު މޯލްޑިވްސް ރިސޯޓް އައިލޭންޑްގެ އިތުރުން އެންމެ ފަހުން ހުޅުވި ފަސްތަރީގެ ރިސޯޓުކަމުގައިވާ ނަލަ މޯލްޑިވްސް ހިމެނެއެވެ. މި ހުރިހާ ރިސޯޓެއްގައިވެސް މަސައްކަތްކުރާ 3000އެއްހާ މުވައްޒަފުންނަށްވެސް މިހާރު މި އުސޫލުން މުސާރަ ލިބިގެންދާނެއެވެ.
ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، އާމްދަނީގެ ވަކި އިންސައްތައެއް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ޖަމާކުރަންޖެހޭހެން ގާނޫނު ތަސްދީގުކުރީ 2024ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. މިިދިޔަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ގާނޫނަށް އަމަލުކުރަން ވަނީ ފަށައިފައެވެ.
މި ޤާނޫނުގެ ތަސްދީގުކުރެއްވުމުގެ މައިގަނޑު ބޭނުމަކަށް އޭރު ވީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް ކަނޑައަޅައި އެކުލަވާލުމެވެ. މި ޤާނޫނުގެ ދަށުން އިސްތިސްނާވާ މުޢާމަލާތްތައް ފިޔަވައި އެހެން ހުރިހާ މުޢާމަލާތްތައް ކުރަން ޖެހޭނީ ދިވެހި ރުފިޔާއިނެވެ.
ރާއްޖޭގެ ގިނަ ރިސޯޓުތަކުން މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދެމުން އަންނައިރު، މި ގަވައިދަށް އަމަލުކުރަން ފެށުމަ ގުޅިގެން ބައެއް ފަރާތްތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކުރިއެވެ. އެއީ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ދަތިވެދާނެތީއެވެ. ނަމަވެސް، އެ ގަވާއިދަށް އަމަލުކުރަން ފެށިތާ އަހަރެއް ވެފައިވާއިރު، ކްރައުން އެންޑް ޗަމްޕާ ފަދަ ބޮޑެތި ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަދޭން ފެށުމަކީ ދާއިރާގެ މަސައްކަތްތެރިންނަށް ލިބުނު ބޮޑު އުންމީދެކެވެ.