ޚަބަރު

ސާފް ފުޓްސަލް: ބޫޓާނާއި ޕާކިސްތާންވީ އެއްވަރު


ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ބޫޓާނާއި ޕާކިސްތާން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި، ފުރުސަތުތަކެއް ތަނަވަސްކޮށް ރަނގަޅު ހަމަލާތަކެއް ވެސް އުފައްދާފައެވެ. ދެ ޓީމަށް ވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވުމެވެ. ދެ ޓީމުގެ ކީޕަރުން ވެސް ވަނީ ވަރަށް މުހިންމު ސޭވްތަކެއް މެޗުގައި ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުން ވެސް ލަނޑެއް ޖަހަން އިތުރު ހިތްވަރަކާއެކު މަސައްކަތްކުރިއިރު މެޗުގައި ފުރަތަމަ ލަނޑުޖެހީ ޕާކިސްތާނުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޒާހިރާ ބުޚާރީއެވެ.

އޭގެފަހުން މެޗުގައި ބޫޓާނުން ކުޅުން ރަނގަޅުކޮށް އެޓޭކުތަކެއް އުފައްދަން މަސައްކަތްކުރިއިރު މެޗުގެ ނަތީޖާ ބޫޓާނަށް ހަމަހަމަކޮށްދިނީ ޔޭޝީ ބީދާއެވެ. މިއީ އަރިމަތިން ބޭރުވި ބޯޅައެއްގައި ލިބުނު ކިކް އިން އަކުން ތަނަވަސްވި ފުރުސަތެއްގައި، އޭރިއާގެ ބޭރުން ހާފުގެ މެދެއްހައި ހިސާބުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޔޭޝީ ކާމިޔާބުކުރި ލަނޑެކެވެ.

މުބާރާތުގައި ބޫޓާނަށް ދެން މެޗެއް އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. ޕާކިސްތާން ކުޅެން ޖެހޭނީ ހަމަ އެ ދުވަހު ރާއްޖެއާއެވެ

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-11 އިން ބަލިވެފައެވެ.