ކުޅިވަރު

ރެއާލްއާއި އަލޮންސޯގެ "ވަރީގެ" ކުށްވެރިއަކީ ކޮންބައެއް؟


ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޯޓީ ހުރެ، ތައްޓެއް ނުލިބި ދިއުމުން ހުސްވި ސީޒަނަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމަށް ޒަބީ އަލޮންސޯ ގެނައީ އުއްމީދުތަކަކާއިގެންނެވެ. ޖަރުމަނުގެ ބަޔާ ލެވަކޫސެންގައި އޭނާ ހޯދި ކާމިޔާބީތަކަށްވުރެ މާ ގިނަ މޮޅުތަކެއް ހޯދައިދޭނެ މީހެއްގެ ގޮތުގަ އެވެ. އެކަމަކު އެންމެ ހަ މަހަށް ފަހު ރެއާލްގެ ކޯޗުކަން ދޫކޮށްލަން ޖެހުނީ މަޖުބޫރު ވެގެންނެވެ. އަލޮންސޯ އަކީ ރެއާލްގެ ލެޖެންޑަކަށްވުމާއެކު ކުލަބުން ވެސް އިހްތިޔާރު ކުރީ ވާހަކަ ދައްކައިގެން ހަޑިނުވާނެ ގޮތަކަށް މި "ކައިވެނި" ރޫޅާލާށެވެ. އެކަމަކު ސުވާލަކީ ރެއާލްގައި އަލޮންސޯ ނާކާމިޔާބު ކީއްވެ ހެއްޔެވެ؟

އަލޮންސޯ ބުނި އެއްކަމެއް ނުވި!

ރެއާލް މެޑްރިޑުގެ ސްކޮޑް އެސެސް ކުރުމަށްފަހު އަލޮންސޯ އެންމެ ފުރަތަމަ ވެސް އެދުނީ ޓީމު ކޮނޑުއަޅައިގެން އުޅެވޭނެ ސިނކުޑިއެއް ހޯދައިދޭށެވެ. ލޫކާ މޮޑްރިޑް ވެސް ކުލަބު ދޫކޮށްލުމުންނެވެ. އެކަމަކު ރެއާލް އަށް ހޯދައިދެވުނީ އެއްވެސް ތަޖުރިބާއެއް ނެތް ޅަކުއްޖެކެވެ. އާޖެންޓީނާގެ މަސްޓަންޓުއޯނޯ އެވެ. އޭނާ ރޯނުފިލާކަމުގެ ސާފު ހެއްކަކީ ރެއާލަށް އައިސް ފުރަތަމަ ދެއްކި ވާހަކަތަކެވެ. ބުނީ ތިމަންނާގެ ނަޒަރުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ ވާދަވެރި ބާސެލޯނާގެ ކުރީގެ ކެޕްޓަން ލަޔޮނަލް މެސީ ކަމަށެވެ. ވާދަވެރި މި ދެކުލަބުގެ ކުޅުންތެރިން މިޒާތުގެ ވާހަކަ ދައްކައެއް ނޫޅެ އެވެ. އެންމެ ފަހުން މި އަލިފާން ނިވާލަން ޖެހުނީ އަލޮންސޯ ނުކުމެ ފެންއަޅައިގެންނެވެ.

މަސްޓަންޓުއޯނޯ މިހާތަނަށް އޭނާވީ ސައިބޯނި ބޮތްކަކަށެވެ. އޭނާ ގަތުމަށް ރެއާލްއިން 60 މިލިއަން ޔޫރޯ ހޭދަކުރި އެވެ. މިއީ ސްޕޭނުގެ ޒުވާން ރޮޑްރީގެ ނަމުގެ މަޝްހޫރުވަމުން އަންނަ މާޓިން ޒުބިމެންޑީ އާސެނަލް އަށް ސޮއި ކުރި އަގު ވެސްމެ އެވެ. ރެއާލްގެ މެދުތެރޭގައި އެޑުއާޑޯ ކަވަމިންގާއި ފޭޑް ވަލްވާޑޭ އާއި ޗުއާމެނީ އާއި ޖޫޑް ބެލިހަމް ތިއްބަސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށް ހުރީ ބެލިންހަމް އެކަންޏެވެ. ޖެހުނުހާ ތަނަކަށް ކުޅެންޖެހޭތީވެ އޭނާގެ ކުޅުން ވެސް ވަނީ ދަށްވެފަ އެވެ.

ފަހަތް ވެސް އޮތީ ފޫވެއްޓިފައި

ސުޕަކަޕް ފައިނަލްގައި ބާސެލޯނާ އަތުން ރެއާލް ބަލިވި މެޗުގައި ގޯލްކީޕަރު ތިބައޫ ކޯޓުއާ އެކަނި ވެސް 40 ދިގު ބޯޅަ ދުރަށް ޖެހި އެވެ. މީގެ މާނަ އަކީ ޓީމުގެ ފަހަތަށް ހޯދި ޒުވާން ކުޅުންތެރިންގެ ފުށުން އަދިވެސް ސާބިތުކަން ނުފެންނަ ކަމެވެ. މެދުތެރެއިން ޓީމު ލައްވައި ކުޅުވައި އިދިކޮޅު ޓީމު ރޫޅާލެވޭނެހާ ގާބިލްކަން ނެތުމުން އެޓޭކް އުފެއްދައިދޭ އެއް މަގަކީ ކޯޓުއާގެ ދިގު ބޯޅަތަކަށް އޮތީވެފަ އެވެ. މެޗަށް ފަހު ބާސެލޯނާގެ ކުޅުންތެރިން ވެސް ދެއްކީ ރެއާލް މެޑްރިޑް މާވަރުގަދަ ދިފާއީ ކުޅުމެއް ކުޅުނު ވާހަކަ އެވެ. ރެއާލް އަކީ އެޓޭކިން ފިލޯސަފީގެ ޓީމަކަށްވާއިރު މި ހާލަތަށް ޓީމު ދިޔައީ އަލޮންސޯއާ ހެދި ހެއްޔެވެ؟

އަލޮންސޯ ލެވަކޫސެންގައި ކާމިޔާބު ހޯދީ ވަރަށް ތަފްސީލު ޕްލޭނަކާއެކުގަ އެވެ. އޭނާގެ ރޭވުންތެރިކަމުގައި ކޮންމެ ކުޅުންތެރިއަކީ ވެސް ދިފާއީ އަދި އެޓޭކިން ރޯލެއް އޮންނަ ކުޅުންތެރިއެކެވެ. މިއީ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީގެ އުސޫލުތަކާ ހިލާފު ގޮތެކެވެ. މިހެންވެ ކޯޓުއާ ވެސް ބުނީ ގިނަ ކުޅުންތެރިން އަދިވެސް އުޅެނީ އަންޗެލޯޓީގެ ވިސްނުންތަކާއެކުގައި ކަމަށެވެ.

ވިނީޝިއުސް ޖޫނިއާ އަކީ ބޯޅަ ދިނުމުން އެޓޭކުގައި އުޅޭ ކުޅުންތެރިއެކެވެ. އޭނާ އަށް ދިފާއަށް ނުފޭތީވެ އަލޮންސޯގެ ރޭވުންތެރިކަމާމެދު އެންމެ ފުރަތަމަ ކުދިކިޔަން ފެށީ އޭނާ އެވެ. މި ހިތްހަމަނުޖެހުން ބޮޑުވަމުން ގޮސް، ގޯހުން ގޯހަށް ދިޔައީ ބައެއް މެޗުތަކުގައި ވިނީ ބަދަލު ކުރުމާއި ބެންޗުގައި ބޭންދުމުންނެވެ. ކުލަބެއްގެ ހައިސިއްޔަތުން ރެއާލްގެ މެނޭޖްމަންޓުން މި މައްސަލަ ހައްލުކޮށްނުދެވުނެވެ. ގޮތް ނިންމަން ދޫކޮށްލީ އަލޮންސޯގެ އަތްމައްޗަށެވެ. އެކަމަކު މީގެ ތެރެއިން ގަދައީ ކާކުކަން ނުނިންމުގެ ނަތީޖާ އަކީ ވިނީޝިއުސްއާ ހެދި ޗޭންޖިންރޫމް ތެރެ ދެބައިވުމެވެ.

ރެއާލް އަކީ އާއްމުކޮށް ކުޅުންތެރިންނަށް ގިނަ ބާރުތަކެއް ދޭ ޓީމެކެވެ. މިބާރުތަކުގައި އަލޮންސޯ "ހަލާކުވާން" ފެށުމުން ތަޖުރިބާކާރުންގެ ނުހުރުން އަމާޒުވީ ރެއާލްގެ މެނޭޖްމަންޓަށެވެ. މަޝްހޫރު ތިއޭރީ އޮންރީ ބުނީ ރެއާލް މޮޅުނުވަނީ ކުޅުންތެރިން އަލޮންސޯގެ ވާހަކަ އަޑު ނާހާތީ ކަމަށެވެ. ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށްވާ ޕެޕް ގާޑިއޯލާ ވެސް ބުނީ އަލޮންސޯގެ އުސޫލުތައް ވަކި ކުޅުންތެރިއަކަށްޓަކައި ބަދަލު ކުރަން ނުޖެހޭނެ ކަމަށެވެ.

އެކަމަކު މި އެންމެން ވެސް ގަބޫލު ކުރަނީ ރެއާލްގެ ކޯޗުކަމަކީ އާދައިގެ މަގާމެއް ނޫން ކަމެވެ. ކޮންމެ ސަބަބަކާ ހެދި ވިޔަސް ނަތީޖާ ނުނެރެވިއްޖެނަމަ އެންމެ ފުރަތަމަ ބޯޓުން ފުންމާލަން ޖެހޭނީ ކޯޗެވެ. ކުޅުންތެރިންނަށްވުރެ ކޯޗަށް އޮންނަ ޕްރެޝަރު ބޮޑެވެ. ރެއާލްގައި އަލޮންސޯ އަށް ދިމާވީ މިފަދަ ހިތްދަތި ގޮތެކެވެ. އޭނާ އާއި ކުލަބާ ކުރެވުނު މަޝްވަރާތަކުން ޔަގީންވީ މިކައިވެނީގައި ތިބެގެން އެއްވެސް ބަޔަކަށް ހެވެއް ނެތްކަމެވެ.