ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އއ. އަތޮޅު ގުރޫޕުގައި މިއަދު ބޮޑުފޮޅުދޫއިންނާއި މަތިވެރިން މުހިންމު 3 ޕޮއިންޓު ހޯދައިފިއެވެ.
މުބާރާތުގައި އއ. އަތޮޅުން ފަސް ޓީމެއް ވާދަކުރެއެވެ. މި ފަސް ޓީމު ހިމެނޭ ގުރޫޕުގައި މިއަދު މަތިވެރިން ވަނީ ތޮއްޑޫގެ މައްޗަށް 0-3 އިން ކުރި ހޯދާފައެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި މަތިވެރީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަލްސަންއެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ތޮއްޑޫގެ އަލީ މަނާލް މުސްތަފާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަތިވެރީގެ ލަނޑުތައް ޖަހައިދިން އަލްސަންއެވެ.
މި ގުރޫޕުގައި ދެން ހިމެނޭ ބޮޑުފޮޅުދޫއިން ވަނީ މާޅޮހުގެ މައްޗަށް 1-6 ގެ ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މާޅޮހުން ވަނީ ގުރޫޕު އެއްވަނައިގައި އޮތް މަތިވެރިއާ ވާދަކޮށް އެއްވަރުކޮށްފައެވެ.
މެޗުގައި ބޮޑުފޮޅުދޫގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު މާއިންއާއި މުޙައްމަދު ސިރުޚާންގެ އިތުރުން ރުޚްޝާން ޖަމީލާއި ޔޫނުސް ރައްޔާނެވެ. ރައްޔާރާއި ސިރުޚާން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރައްޔާންއެވެ.
މި ނަތީޖާތަކާއެކު މި ގުރޫޕުުގެ އެއްވަނައިގައި މަތިވެރި އޮތީ ތިން މެޗުން 7 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ބޮޑުފޮޅުދޫ އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. ބޮޑުފޮޅުދޫ ވަނީ ފުރަތަމަ މެޗުގައި ތޮއްޑޫ އަތުން 1-2 އިން ބަލިވެފައެވެ. ގުރޫޕުގެ ތިންވަނައިގައި ހިމަންދޫ ވެސް އަދި ހަތަރުވަނައިގައި ތޮއްޑޫ ވެސް އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ. ތަފާތަކަށް ވަނީ ފައިދާ ގޯލެވެ.
ފުލުގައި އޮތް މާޅޮހަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.