ޚަބަރު

އައިސީޖޭއަށް އިއްވީ ރޮހިންޔާ މުސްލިމުން ކުރިމަތިލާންޖެހޭ ލާއިންސަނީ އަނިޔާ އާއި ނިކަމެތިކަން


ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، އެ މީހުންނަށް ކުރިމަތިވެފައިވާ ނިކަމެތި ކަމާއި ހިތްދަތިކަން އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ)އަށް ގެމްބިޔާއިން ޙިއްޞާކޮށްފިއެވެ.

ރޮހިންޔާ މައްސަލައިގެ އަޑުއެހުންތައް ޖަނަވަރީ 12ން ފެށިގެން 29އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ތާވާލު ކޮށްފައިވާ ކަމުގައެވެ.

މިއީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި ޤަތުލުޢާންމެއްގެ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ޤަތުލުޢާންމުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ގެމްބިޔާއިންނެވެ. އެފްރިކާ ބައްރުގެ ހުޅަނގުގައި އޮތް މުސްލިމުންގެ އާބާދީ ބޮޑު ގެމްބިޔާއިން އައިސީޖޭއަށް މައްސަލަ ހުށަހަޅާފައި ވަނީ އިސްލާމީ ޤައުމުތަކުގެ އިއްތިޙާދު (އޯއައިސީ)ގެ ފުރިހަމަ ތާޢީދާ އެކުގައެވެ.

އައިސީޖޭގައި މިއަދު އޮތް އަޑުއެހުމުގައި، ގެމްބިޔާގެ ޖަސްޓިސް މިނިސްޓަރު ދައުދާ ޖަލޯ ވިދާޅުވީ، ރޮހިންޔާ މުސްލިމުންގެ ނަޞްލު ނައްތާލުމަށް ޢަމާޒުކޮށް މިޔަންމާގެ އަސްކަރިއްޔާއިން ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާ، ރޮހިންޔާ މުސްލިމުންގެ ދިރިއުޅުމާއި މުސްތަޤުބަލް ބަރުބާދުކޮށްލާފައިވާ ކަމަށެވެ.

އައިސީޖޭން ބުނީ، ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް ވަކާލާތު ކުރުމުގެ ފުރުޞަތު ޖަނަވަރީ 12ން 15ށް އެ ޤައުމަށް ލިބިގެންދާނެ ކަމުގައެވެ. އަދި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގެ ތުހުމަތުތައް ދޮގު ކުރަމުންދާ މިޔަންމާއަށް، ޖަނަވަރީ 16ން 20ށް، އެ ޤައުމުގެ ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ލިބިދެވޭނެ ކަމުގައެވެ. މީގެ އިތުރުން، ހެކިންގެ ހެކި ބަސް ނެގުމަށް ތިން ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށް ވެސް އައިސީޖޭން ވަނީ ނިންމާފައެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ޤަތުލުޢާންމެއްގެ ކުށްތައް ހިންގާފައިވާ ކަމުގައި އދގެ މިޝަނަކުން ވެސް މީގެ ކުރިން އޮތީ ކަނޑައަޅާފައެވެ. އެއީ، 2017ވަނަ އަހަރު ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންނެވެ. އެ ޖަރީމާތަކުން ސަލާމަތްވުމަށް ރޮހިންޔާއިންގެ 730,000ށްވުރެ ގިނަ މީހުން އަވައްޓެރި ބަންގްލަދޭޝަށް ހިޖުރަކުރިއެވެ. އަދި، މިހާރު ވެސް ހިންގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އިތުރު މީހުން ބަންގްލަދޭޝަށް ހިޖުރަ ކުރަމުންދާއިރު، އެ ޤައުމުގައި ތިބި ރޮހިންޔާ ރެފިއުޖީންގެ އަދަދު ވަނީ މިލިޔަނަކަށް ވުރެ މައްޗަށް އުފުލިފައެވެ.