ރަމަޟާން މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.
ޕީއެސްއެމް ނިއުސްއާއި މަޢުލޫމާތު ޙިއްސާ ކުރައްވަމުން އެޗްޑީސީން ވިދާޅުވީ، ވަގުތީ މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގައި ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގައި ކަމަށެވެ. މި މަސައްކަތަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން، ފަސޭހަ ކަމާއިއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.
ހުޅުމާލޭގައި ތަރައްޤީ ކުރާ ވަގުތީ މާރުކޭޓުގައި 24 ގޮޅި ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ކުރިއަށް ގެންދަނީ، މާރުކޭޓުގެ ވަގުތީ އިމާރާތުގެ މަސައްކަތްތަކެވެ. އެޗްޑީސީން ވިދާޅުވީ، ގޮޅިތައް ހެދުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގޮޅިތައް ދޫކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދާނީ އެޗްޑީސީންނެވެ. މި ގޮޅިތައް ދޫކުރާނީ ޢާއްމު އުސޫލުން ކަމަށާއި، މަސައްކަތް ނިމުނުހާ އަވަހަކަށް ގޮޅިތައް ދޫ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.
ރަމަޟާންމަހަށް ހާއްސަކޮށް، ހުޅުމާލެ ފޭސް 2ގައި ވަގުތީ ލޯކަލް މާރުކޭޓެއް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުން. #WithHDC pic.twitter.com/o5Ss8zHOEl
— Housing Development Corporation (@hdcmaldives) January 11, 2026
ހުޅުމާލެ ދެވަނަ ފިޔަވައްސަކީ، މިހާރު މާލެ ސަރަޙައްދުގައި އެންމެ ބާރަށް އާބާދު ވަމުންދާ ސަރަޙައްދެވެ. މިހާރު ދޫކުރަމުންދާ ފްލެޓުތަކާއެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ލައްކައަކާއި ގާތްކުރާނެ ކަމަށް ބެލެވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިވަގުތު ދާއިމީ އެއްވެސް މާރުކޭޓެއް ނެތެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ލުއިފަސޭހަ ގޮތެއްގައި ޢާއްމު ޚިދުމަތްތައް ލިބޭނެ ގޮތް ދަނީ ފަހިކޮށްދެމުންނެވެ.