މިސަރުކާރުން ފަށާ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އަންނަ ހޮނިހިރު ދުވަހު ވޯކިން އިންޓަރވިއުތައް ބޭއްވުމަށް އެމްޓީސީސީއިން ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ޓެކްސީލައިންގެ ޚިދުމަތް ކުރިޔަށް ގެންދިޔުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން ވަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުންނާއި، ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އިޢުލާންކޮށްފައެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އެމްޓީސީސީން ވަނީ، ޑްރައިވަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައެވެ.
މާލޭ ޓެކްސީ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގާއިރު، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
Exciting News! 🔊
— MTCC Plc (@MTCCPlc) January 11, 2026
We are seeking motivated candidates to join us as part time drivers for our Male Taxi Service. 🚕
Everyone interested please attend our walk-interview
Date: 17th Jan 2026 (Saturday)
Time: 10:00 am - 6:00 pm
Location: Maafannu Bus Terminal#MTCC… pic.twitter.com/6DfaZJVyfo
ސަރުކާރުން ޓެކްސީލައިނެއް ތަޢާރަފު ކުރުމަށް ނިންމީ، ޓެކްސީ ހޯދުމުގައި ޢާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް، ބަރޯސާވެވޭ ލުއިފަސޭހަ ޚިދުމަތަކަށް މިޚިދުމަތް ހެދުމަށެވެ. މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ޓެކްސީލައިންގެ ޚިދުމަތް އަންނަ ޖެނުއަރީގެ ނިޔަލަށް ފަށާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއިން ގެންނަން ނިންމާފައިވަނީ އިލެކްޓްރޯނިކް (އީވީ) ކާރުތަކަކަށް ވުމާއެކު، އެ އުޅަނދުތައް ރާއްޖޭގެ މާޙައުލާ ބީރައްޓެހި ގޮތަކަށް ފަރުމާކޮށް ގެނެސްފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަން އެ ކާރުތައް އުފައްދާ ކުންފުނިންވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ޓެކްސީލައިންގައި ބޭނުން ކުރާނީ، %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި 3 ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ދޭން ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ޤާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާއާއި ގްރޭބް ފަދަ ޚިދުމަތްތަކުގެ ސްޓައިލަށެވެ.