ވާދަވެރި، އަވަސް، އެޓޭކިން ގޭމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލް މެޗުގައި ރެއާލް މެޑްރިޑުގެ މައްޗަށް ކުރިހޯދައި ބާސެލޯނާއިން މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ބާސާ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި، ޙާއްސަކޮށް ހާފުގެ ކުރީކޮޅު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ކުޅުނީ ބާސާއިންނެވެ. ނަމަވެސް ރެއާލްގެ ކުޅުންތެރިން ދިޔައީ މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ، އެޓޭކުތައް އުފައްދަމުންނެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ބާސާއިންނެވެ. 36 ވަނަ މިނެޓުގައި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ތަރި، ރަފީނިއާއެވެ. މި ލަނޑު ޖެހުމުގެ ދެ މިނެޓެއް ހާއިރު ކުރިން ވެސް އޭނާއަށް ހުސް ފުރުސަތެއް ލިބިފައިވާއިރު، އެ ފުރުސަތުގެ ބޭނުން އޭނާއަށް ހިފިފައެއް ނުވެއެވެ.
ލީޑުގައި އޮވެ ބާސާއިން ހާފު ނިންމާލަން ދަނިކޮށް، ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައި ރެއާލް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، މިދިޔަ އަހަރުގެ އޮްޓޯބަރު މަހުގެ 10 ވަނަ ދުވަހަށްފަހު، މި މެޗާ ހަމައަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާ ބްރެޒިލްގެ ޒުވާން ތަރި، ވިނީޝަސް ޖޫނިއަރ އެވެ. މިއީ ހާފުގެ އަރިމަތިން އެކަނިމާއެކަނި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ވަރަށް ހުނަރުވެރިކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ވިނީޝަސް ކާމިޔާބުކުރި، އޭނާގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ ލަނޑެކެވެ.
ވިނީޝަސްގެ މި ލަނޑަށް ދެ މިނެޓުވި ތަނާ ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި އަނެއްކާވެސް ލީޑުނަގާފައެވެ. މިއީ ބާސާއަށް ކުޅެމުން އަންނަ 37 އަހަރުގެ ރޮބާޓް ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އޭގެ ތިން މިނެޓުފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލް އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރޮޑްރީގޯ ނަގައިދިން ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާއެވެ.
ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފު ފެށިއިރު، މި ހާފުގައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށް، ފުރަތަމަ ކޮޅު ރަނގަޅު ހަމަލާތަކެއް އުފެއްދީ ރެއާލުންނެވެ. އެހެންނަމަވެސް، އުއްމީދާއެކު ކުޅެމުންދިޔަ ރެއާލްގެ ކުޅުންތެރިން މާޔޫސްކޮށްލީ، 73 ވަނަ މިނެޓުގައި، ރަފީނިއާ އިތުރު ލަނޑެއް ކާމިޔާބުކޮށް، ބާސާއަށް ތިންވަނަ ފަހަަރަށް ލީޑުނަގައިދިނުމުންނެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ރެއާލް އިން ވަނީ އެ ޓީމުގެ އެންމެ މުހިންމު ސްޓްރައިކަރު، ކިލިއަން އެމްބާޕޭ ކުޅެން އަރުވާފައެވެ. އެމްބާޕޭއާއެކު ރެއާލްގެ އެޓޭކުތައް ވަރުގަދަވެގެންދިޔައިރު، މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ރެއާލް އަށް ވަނީ ލަނޑު ޖަހާނެ ވަރަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
އެގޮތުން އާޑާ ގުލާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ތަނަވަސްވި ފުރުސަތެއްގައި ކަރެެއާސް އަށް ވަރަށް ރަނގަޅަށް ބޯޅަ ފޮނުވާލަން ލިބުނު ނަމަވެސް، މަޑުމަޑުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ސީދާ ކީޕަރުގެ އަތަށެވެ. އެފަހުން، އެމްބާޕޭ ހުރަސްކޮށްދިން ބޯޅައެއް، ރައުލް އެސެންސިއޯއަށް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލަން ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަވެސް ދިޔައީ ސީދާ ކީޕަރުގެ އަތަށެވެ.
މި ނަތީޖާގައި އޮވެ މެޗުން ބާސާ މޮޅުވެ ސްޕެނިޝް ސުޕާ ކަޕްގެ ތަށި އުފުލާލިއިރު މިއީ ބާސާއިން މި މުބާރާތް ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. 2025 ވަނަ އަހަރުގެ ސުޕާ ކަޕް ކާމިޔާބުކުރީ ވެސް ބާސެލޯނާއިންނެވެ. ބާސާ އަކީ މި މުބާރާތް އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރި ޓީމުވެސް މެއެވެ.