ޚަބަރު

އީރާނުގެ ޤައުމީ މަސްލަހަތު ރައްކާތެރިކޮށްދޭނެ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފި


އީރާނުގެ މަސްލަހަތާއި މުހިންމު ބިނާރާއި ޢާއްމު މުދާ ރައްކާތެރިކޮށްދޭނެ ކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ޔަހޫދީންނާއި ނިރުބަވެރި ޖަމާޢަތްތަކުން އީރާނުގެ އާއްމު ސަލާމަތަށް ނުރައްކާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ފާހަގަކޮށްފައެވެ. ސަލާމަތީ އެހެން ބާރުތަކާ ގުޅިގެން، އީރާނުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ދުޝްމަނުންގެ ޙަރަކާތްތައް ގާތުން ބަލައި އެ ފަދަ ޖަމާޢަތްތަކަށް ފާރަލަމުން ދާނެ ކަމާށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އީރާނުގެ އަސްކަރިއްޔާއިން މި ހެން ބުނެފައި މި ވަނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅުމުގެ އަގު ބޮޑުވުމާއި ތަކެތީގެ އަގު އުފުލުމާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ މުޒާހަރާތަކަށް އެމެރިކާއިން ހިތްވަރު ދީފައި ވަނިކޮށެވެ. މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުޒާހަރާ ކުރަމުންދާ އީރާނުގެ ރައްޔިތުންނަށް އެހިތެރިވުމަށް އެމެރިކާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އެ ޕޯސްޓު ކުރައްވާފައި ވަނީ މުޒާހަރާގެ ބައިވެރިންނަށް އީރާނުގެ އަސްކަރިއްޔާއިން ޙަމަލާދީ މަރާލައިފި ނަމަ އެމެރިކާއިން އެ މައްސަލައިގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު އޭގެ އެއް ދުވަސް ކުރިން ދެއްވުމަށް ފަހުގައެވެ.

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އީރާނުގައި ކުރަމުންދާ މުޒާހަރާތަަކަކީ 2023ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރަމުންދާ އެންމެ ބިޔަ މުޒާހަރާތަކެވެ. ދުވަހެއް ދުވަހަކަށް އެ މުޒާހަރާތައް ވަރުގަދަވަމުންދާ ކަމަށް ވަނީ ފާހަގަވެފައެވެ. އީރާނުގެ ރައްޔިތުންނަށް ލިބިފައިވާ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްޤަށް ސަރުކާރުން ފުރަތަމަ އިހްތިރާމު ކުރަމުންދިޔަ ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ ހައްޤު ކަށަވަރުކޮށްދެމުން ޤައުމުގެ މަސްލަހަތު ރައްކާތެރި ކުރުމަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އީރާނުގެ ރޫޙި ވެރިޔާ، އާޔަތުالله ޙާމަނާއީ ވަނީ މުޒާހަރާގެ ބައިވެރިންނަކީ މުދަލަށް ގެއްލުންދޭ ބައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.