މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ނަތީޖާ މިއަހަރު ފެންނާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ޗެއަރމަން ޞިއްދީޤް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދާޚިލީ ސަލާމަތުގެ ދާއިރާގައި އިސްކަންދެއްވާ އެންމެ ބޮޑު އެއް މަސައްކަތްކަމަށެވެ. ސިއްދީޤު ވިދާޅުވީ މިހާތަނަށް އެއްކޮށްފައިވާ އެކިއެކި މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 10،000އެއްހާ މީހުން ތިބިކަމަށް ޤަބޫލުކުރެވޭކަމަށާއި މީގެތެރޭގައި ޒުވާނުންގެ އިތުރުން މުސްކުޅިންނާ ކުޑަކުދިންވެސް ހިމެނޭކަމަށެވެ.
މިއީ ފަސްލައްކަ މީހުން ހަމަނުވާ އާބާދީއެއްގައި ވަރަށް ބޮޑު އަދަދެއްކަމަށް ވިދާޅުވެ އޭނާ ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްތަކުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން ތިބިކަމަށެވެ. މިކަން މިހެން އޮތް އިރު މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ އިތުރުން، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢުއަށް ނެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިކަމަށް ދަޢުލަތުން ވަރަށް ބޮޑު ހޭދައެއް ކުރަމުންދާކަމަށެވެ.
"ބޭސް އެކަންޏެއް ނޫން. އެކި ޕްރޮގްރާމްތައް ހިންގުމާއި، ނިދުމާއި ކެއިންބުއިމާއި، ސްޓާފުންނާއި، މިއިން ކޮންމެ ކަމަކީ ދަޢުލަތުން ކުރާ ބޮޑު ހޭދައެއް. މިއީ އެ ފަރާތްތަކަށް ރަނގަޅު ތަރުބިއްޔަތެއްދީ، މުޖުތަމަޢުގެ ލާބައަށް ކުރަ ކަންތައް" އެންޑީއޭގެ ޗެއަރމަން ސިއްދީޤް ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގެ 9 ސަރަޙައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އަންނަނީ ހިންގަމުންނެވެ. މިދިޔަ އަހަރު ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ނ.ވެލިދޫ އަދި ލ.އަތޮޅުގައިވެސް ރުހެބް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.
މިއީ މާލެ ނުގެނެސް، އެ ސަރަޙައްދެއްގައި ބައިތިއްބައިގެން ފަރުވާ ދެވޭނެ ނިޒާމު ޤާއިމުކުރުމަށް ކުރިއަށްގެންދާ މަސައްކަތެވެ. ރިހެބިލިޓޭޝަން ފަރުވާގެ ޕްރޮގްރާމްތައް ހިންގާ ފަރާތްތަކުގެތެރޭގައި ކޯޓު އަމުރުގެ ދަށުންނާއި، މަގުތަކުގައި މަސްތުވާތަކެތި ބޭނުންކށްގެން އުޅޭ މީހުންނަށް ދޭ ފުރުޞަތާއި އަދި އަމިއްލައަށް އެދިގެން ފަރުވާގެ ނިޒާމަށް ވަންނަން ބޭނުންވާ މީހުންނަށްވެސް އެ ފުރުޞަތު ދަނީ ތަނަވަސްކޮށްދެމުންނެވެ. ފަރުވާގެ ނިޒާމުގައި ހިމަނައިގެން އެކި ކަހަލަ ތަޢުލީމާއި ތަމްރީންގެ ޕްރޮގްރާމްތައްވެސް މިހާރު އަންނަނީ ގިންގަމުންނެވެ.
ސަރުކާރުން ވިދާޅުވާގޮތުގައި މިއަހަރަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަގުނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ބަދަލުތަކެއް ފެންނާނެ އަހަރެއްކަމަށް ވިދާޅުވެއެވެ.