ޣައްޒާ ހިންގުމަށް ޤާއިމް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ބޯޑް އޮފް ޕީސްގައި އެންމެ އިސް ދައުރެއް ޢަދާކުރާނެ ކަމަށް ބެލެވޭ ނީކޮލައި މްލަޑެނޮވް، ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ޕަލަސްޓީނިއަން އޮތޯރިޓީ، ޕީއޭގެ އިސްވެރިއެއް ކަމަށްވާ ޙުސައިން އަލް-ޝައިޚްއާ ބައްދަލުކުރައްވައިފިއެވެ.
އދގެ މެދުއިރުމަތީގެ މަންދޫބުގެ މަޤާމު މީގެ ކުރިން ފުރުއްވާފައިވާ މްލަޑެނޮވް، ޙުސައިން އަލްޝައިޚްއާ ބައްދަލުކުރައްވާފައި ވަނީ ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ރާމަاللهގައެވެ. އެ ބައްދަަލުވުން ބާއްވާފައި ވަނީ މި މަހުގެ ތެރޭގައި ބޯޑް އޮފް ޕީސް އެކުލަވައިލުމަށް ޓްރަމްޕް ތައްޔާރުވެވަޑައިގަންނަވަމުންދާ ދަނޑިވަޅެއްގައެވެ. އެއީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް ހުއްޓައިލުމަށް އެކުލަވައިލާ ޢަމަލުކުރަމުންދާ އެއްބަސްވުމުގެ ދެވަނަ މަރުޙަލާގެ ދަށުންނެވެ.
މްލަޑެނޮވްއާއި ޙުސައިން އަލްޝައިޚްގެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޣައްޒާގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގެ ދެވަނަ މަރުޙަލާ ތަންފީޒުކުރާނެ ގޮތާމެދު ވާހަކަ ދައްކަވާފައިވެއެވެ. އަދި ޓްރަމްޕްގެ ހުށަހެޅުންތައް ތަންފީޒުކުރެވިދާނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި އެ އެއްބަސްވުން ދެމެހެއްޓުމަށް މިހާރު ވެސް ގިނަ ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އަދިވެސް ޣައްޒާއަށް ޙަމަލާ ދިނުމާއި، ރަފަޙް ހުރަސް އަލުން ހުޅުވައިލުމަށް ޔަހޫދީން ދެކޮޅުހެދުން ހިމެނެއެވެ.