ގޯލްޑަން ފުޓްސަލް ޗެލެންޗުގެ ކ. އަތޮޅުގެ ގްރޫޕް ބީގައި މާފުށިން ހިންމަފުށި ކޮޅަށް ހަ ލަނޑު ޖަހައި މުބާރާތުގެ ފެށުން ރަނގަޅުކުރުމުގެ އިތުރުން، މުބާރާތުގެ ކ. އަތޮޅުގެ ސެމީގެ ޖާގައެއް ވެސް ޔަގީންކޮށްފިއެވެ.
މިއީ މާފުށީގެ ފުރަތަމަ މެޗު ނަމަވެސް، ހިންމަފުށިން ވަނީ މީގެކުރިން މި ގުރޫޕުގައި ހިމެނޭ ގާފަރާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން ވެސް ހިންމަފުށި ވަނީ ބަލިވެފައެވެ.
ކ. އަތޮޅުން ޖުމްލަ 7 ޓީމެއް މުބާރާތުގައި ވާދަކޮށްފައިވާއިރު، އެ ހަތް ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލާފައެވެ. އޭގެތެރެއިން މާފުށި، ގާފަރު އަދި ހިންމަފުށި ހިމެނެނީ ގުރޫޕު ބީގައެވެ. އެ ގުރޫޕުގައި ހިމެނެނީ ވެސް ތިން ޓީމެވެ. އެހެންކަމުން ހިންމަފުށީގެ މައްޗަށް ފުރަތަމަ މެޗުގައި ކުރިހޯދި ގާފަރަށް ވެސް ވަނީ ސެމީގެ ޖާގައެއް ޔަގީންވެފައެވެ.
ހިންމަފުއްޓަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލުނު މި ގުރޫޕުގެ ދެވަނަ މެޗުގައި މާފުށި މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހުސެއިން ރިފާން މެޗުގައި ހެޓްރިކް ހެދިއިރު، އެޓީމުގެ އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ޙާފިޒް މުޙައްމަދު، އިބްރާޙީމް އަމީރު އަދި އިސްމާޢީލް ޒަރީރެވެ. ހިންމަފުށީގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އަތުުޝަން އިބްރާޙީމެވެ.
ކ. އަތޮޅުގެ ގްރޫޕް އޭގެ ދެ މެޗެއްވެސް މިއަދު ހަވީރު ކުޅެފައިވެއެވެ. އެގޮތުން ގުރައިދޫއާއި ކާށިދޫ ބައްދަލުކުރިއިރު މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުރައިދޫގެ ޙުސެއިން ރިފާއު އެވެ.
މި ގުރޫޕުގައި ދެން ކުޅުނީ ދިއްފުއްޓާއި ގުޅިއެވެ. މި މެޗު، 0-2 އިން ކާމިޔާބުކުރީ ދިއްފުށިންނެވެ. މެޗުގައި ދިއްފުށީގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު ރިޒްވާން (ރިޒޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޒައިން ޒަފަރުއެވެ.
މި ދެ މެޗާއެކު މި ގުރޫޕުގައި ހިމެނޭ ހަތަރު ޓީމުން ވެސް މިވަނީ ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައެވެ. މި ގުރޫޕުން އަދި އެއްވެސް ޓީމަކަށް ސެމީގެ ޖާގައެއް ކަށަވަރުވެފައެއް ނުވެއެވެ.
ގުރޫޕުގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު މިވަގުތު އެއްވަނައިގައި، ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން އޮތީ ދިއްފުއްޓެވެ. ގުޅި އޮތީ ތިން ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި ދެ ޕޮއިންޓާއެކު ކާށިދޫ އޮތްއިރު ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ގުރައިދޫއެވެ.
ކ. އަތޮޅަށް ހާއްސަ ދެ ގުރޫޕުގެ މެޗުތައް ދެން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.