މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު، ފަތުރުވެރިން ރަށްރަށުގައި އުޅޭއިރު ހެދުން އެޅުމާއި އުޅުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭ ގަވާއިދުތައް އިސްލާހުކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ލޯކަލް ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހުތައް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުން ވަނީ، ރަށްރަށަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ ފަރާތުން އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ފެންނަމުންދާކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. ވަކިން ހާއްސަކޮށް ރަށްތަކުގައި އުޅޭއިރު ފަތުރުވެރިން ހެދުން އަޅާ ގޮތްތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މި ޝަކުވާތަކަށް އިޝާރާތްކުރައްވާ ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދީނީ ގޮތުންނާއި، އަޙްލާގީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރަށްރަށުގައި ހިނގަން ނުޖެހޭ ކަންކަން ހިނގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މިކަންކަން ރަނގަޅު ކުރުމަށް، ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ގަވާއިދުތައް އިސްލާހު ކުރަމުންދާ ކަމަށެވެ.
"ރަށު ތެރޭގައި ޓޫރިސްޓުން އުޅޭއިރުގައި ހެދުން އެޅުމުގައި ހުންނަން ޖެހޭނެ މިންގަނޑުތަކަކާއި، އެހެނިހެން ކަންކަމަށް މިހާރު އޮތް ގަވާއިދަށް އިތުރު އިސްލާހުތަކެއް ގެންނާން. ގެނެސް ދާދި އަަަވަހަށް ގެޒެޓް ކުރެވިގެން ދާނެ، ނަމަވެސް މިކަންކަން ތަންފީޒު ކުރުމުގައި އެއީ ފުލުހުންގެ މުއައްސަސާއަށް ކަމުގައިވިޔަސް، އަދި ޓޫރިޒަމް މިނިސްޓްރީއަށް ކަމުގައިވިޔަސް، އެ ފަރާތްތަަކަށް ޑޭޓުޑޭ އެއްބާރުލުން ދޭން ޖެހޭ ފަރާތްތަކަކީ ކައުންސިލުން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ލޯކަލް ޓޫރިޒަމާބެހޭ ގާނޫނަށް ހަރުކަށި އިސްލާހުތައް ގެނައުމަށް ނިންމާފައިވާއިރު، ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މީހުން ދިރިއުޅޭ 75 ރަށެއްގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް އަންނަ މާރިޗުމަހުގެ ކުރިން ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ލޯކަލް ޓޫރިޒަމްގެ ކަންކަން ބެލެހެއްޓުމަށްޓަކައި ކޮންމެ ރަށެއްގައި އޮފީހެއް ހަދައި، އެ އޮފީސް ހިންގުން ކައުންސިލްތަކާ ހަވާލުކުރަން ކެބިނެޓުން ވަނީ ނިންމާފައެވެ. އަދި މި ރަށްތަކާ ކައިރީގައި ސަފާރީތައް ބާއްވައިގެން ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށްޓަކައި، ގަވާއިދަށް ބަދަލު ގެނައުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްތަކާ ކައިރީގަ ސަފާރީތައް ބޭއްވޭނީ މަދުވެގެން އެއް ކިލޯމީޓަރު ދުރުގައި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ގަވާއިދު ބަދަލު މި ކުރަނީ، މީހުން ދިރިއުޅޭ ރަށެއްގެ މަދުވެގެން އެއް ކިލޯ މީޓަރު ދުރުގައޭ ސަފާރީ ބޭއްވޭނީ، އެކަމަކު އެކަންވެސް ތަންފީޒު ކުރާނީ ނުވަތަ މޮނީޓާ ކޮށްދޭނީ ކޮން ބައެއްތޯ؟ ހަަމަ ކައުންސިލުން.. އެކަމަކު ދީނާއި އިދިކީލަ ފިކުރުގެ ވިސްނުން ހުރި ބައެއް އެ ކައުންސިލްތަކަށް ގެނެއްސިއްޔާ އެކަމެއް ނުބަލާނެ، ރަލާއި ދުރު، ޑްރަގާއި ދުރު، އެކި ކަހަލަ ނުބައި އާދަތަކާއި ދުރު މުޖުތަމައުއް އަޅުގަނޑުމެން ބޭނުންވަނީ، އިސްލާހު ވެގެން ދާން ހަގީގީ މާނައިގައި." ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުސްލިމުންނަށް ޚާއްސަކޮށް އިސްލާމް ދީނާއި ފުށުނާރާނެހެން، އެފަދަ އަސާސްތަކަށް އިސްކަންދީގެން ފަތުރުވެރިކަމުގެ ޚިދުމަތްތައް ދިނުމަށް 'ޙަލާލް ޓޫރިޒަމް'ގެ ނަމުގައި ފަތުރުވެރިކަމުގެ މޮޑެލްއެއް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން، ރާއްޖޭގެ 5 ސަރަހައްދު ކަމަށްވާ ހއ.އަތޮޅު، ހދ.އަތޮޅު، ށ.އަތޮޅު، ތ .އަތޮޅު، އަދި ލ.އަތޮޅުން 6 ރަށެއްގައި ހަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި، މި ސަރަހައްދުތަކުގައި ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށް ބައެއް ރަށްތަކުގައި ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.