މި މަހު ތައިލެންޑުގައި ފަށާ ސާފް ފުޓްސަލް ޗެމްޕިއަންގައި ރާއްޖޭގެ ފަޚުރުވެރި ޖާޒީގައި ފެނިގެންދާނެ ފައިނަލް ސްކޮޑު އިއުލާނުކޮށްފިއެވެ.
މުބާރާތަށް ތައްޔާރުވުމަށްޓަކައި ޤައުމީ ފުޓްސަލް ޓީމުން ވަނީ 18 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލައި ޗައިނާއަށް ތަމްރީނަށް ފުރާފައެވެ. މި ކޭމްޕުގެ ތެރެއިން މުބާރާތަށް ފައިނަލް ސްކޮޑު އެކުލަވާލާނެކަމަށާއި ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ދާނީ ސީދާ ތައިލެންޑަށް ކަމަށް މީގެކުރިން އެފްއޭ އިން ބުނެފައިވެއެވެ.
މިއަދު އިއުލާނުކުރި ޤައުމީ ސްކޮޑުން ހަތަރު ކުޅުންތެރިއަކު ވަނީ ބާކީކޮށްފައެވެ. އެއީ ޗައިނާއަށް ދިޔަ ހަތަރު ކީޕަރުންގެ ތެރެއިން މުޙައްމަދު ލުފްސާން (ޕަފް) އާއި އަޙްމަދު ޒިމާމްގެ އިތުރުން އިސްމާޢީލް ވަޖީޙް (ވައްޖެ) އާއި މުޙައްމަދު އިޝާމް (ޝަންޓެ) އެވެ.
ޤައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނެނީ ކީޕަރުންގެ ގޮތުގައި އިބްރާޙީމް ނާޖިހުއާއި ޒައިދާން އަހްމަދުއެވެ. އައުޓްފީލްޑް ޕްލެޔަރުންގެ ގޮތުގައި ފައިނަލް ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ އަލީ ޝިޔާޙް (ޝިޔަޅޭ)، އަޙްމަދު ހަމީދު (އައްމަޑޭ)، އިޝާން އިބްރާޙީމް (ސައްޓު)، ހުސެއިން ޝަރީފް (އޮންލީ)، މުޙައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ޙުސެއިން ސުހެއިލް (ސޮކޭ)، ހުޒެއިފަތު ރަޝީދު (ހުޒޭ)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ)، އަބްދުﷲ ޖުނައިދު (ޖޭންނޭ)، އަލީ ހައިޝަމް (ޗުމްޕު) އަދި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުކުރުމަށް ހެޑް ކޯޗަކަށް އެފްއޭއެމްއިން ހަމަޖައްސާފައިވަނީ އުޒްބެކިސްތާނުގެ ތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވްއެވެ.
އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައެވެ.
މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ލަންކާއާއި ބޫޓާނެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި ޖެނުއަރީ 14 ވަނަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮލަށެވެ. ރާއްޖެއިން ދެވަނަ މެޗުގައި 16 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި 20 ވަނަ ދުވަހު ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ހަތަރު ވަނަ މެޗުގައި 22 ވަނަ ދުވަހު ރާއްޖެއިން ވާދަކުރާނީ ނޭޕާލްއާއެވެ.
މުބާރާތުގައި ރާއްޖެއިން ކުޅޭ ފަސްވަނަ މެޗުގައި 24 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ނުކުންނަން ޖެހޭއިރު ހަވަނަ މެޗުގައި 26 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހު މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައެވެ.