މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރައްކާ" ގެ ހަރަކާތްތައް އިފްތިތާޙުކޮށްފިއެވެ.
މި ހަރަކާތްތައް އިފްތިތާޙު ކޮށްފައިވަނީ މިކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލު ނަވީންއެވެ.
"ރައްކާ"ގެ ހަރަކާތްތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނާއި، އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް އެކި ހަރަކާތްތައް ރާވައި ހިންގުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ.
މި އަހަރު ރޯޑް ސޭފްޓީ ހަރަކާތްތަކުގައި ބޭނުންކުރާ ހޭޝްޓޭގަކީ، “ރަނގަޅުކޮށްލާ”އެވެ.
ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަނީ، ކަލަންޑަރެއް އެކުލަވައިލައި ތާވަލުކޮށްފައިވާ ވަކި ދުވަސްތަކެއް ކަނޑައަޅައިގެން މުޅި އަހަރަށް ބަހާލައިގެންނެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ، މުޅި ރާއްޖެ ހިމެނޭ ގޮތަށެވެ.
މި ކެމްޕެއިންގެ ތެރެއިން ރައްކާ ރޯޑް ޝޯވއާއި، ޓްރެފިކް މޮނީޓާސް ޕްރޮގްރާމާއި، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން، ފަހިރާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އަދި ޓެކްސީ ޑްރައިވަރުންގެ ޕްރޮގްރާމާއި، ކުންފުނިތަކުގެ ޑްރައިވަރުންނާއި، މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ހިންގާ ޕްރޮގްރާމާއި، ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމްގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ފުލުހުންނަށް ޚާއްޞަ ކޮށްގެން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ ރައްކާ ކެމްޕެއިން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވަނީ، ކުޅުދުއްފުށި ސިޓީގައެވެ.
މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެންޑް އެވެއާރނަސް، ސުޕްރިންޓެންޑެންޓް އަޙްމަދު ފަސީޙް ވިދާޅުވީ މިއަހަރުގެ ހަރަކާތްތައް އަމާޒު ކޮށްފައިވަނީ ރަނގަޅުކޮށްލާ ކެމްޕެއިންގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑުމެން ހަމަ މިއަހަރުވެސް ކުރިއަށްގެންދާ ރައްކާ ރޯޑް ޝޯވގެ ދަށުން ހިމަނާފައިވާ ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެ. އޭގެ ތެރެއިން ވެސް މިއަހަރުގެ ޕްރޮގްރާމްތައް އަޅުގަނޑުމެން ވަރަށް ޚާއްޞަ ކޮށްގެން މިހިރީ "ރަނގަޅުކޮށްލާ" ކެމްޕެއިންގެ ތެރެއިން ސޯޝަލް މީޑިއާ އެވެއަރނަސް ޕްރޮގްރާމްގެ ތެރެއިން". ފަސީޙް ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "ރައްކާ ކެމްޕެއިން" ހަރަކާތްތައް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީއާއި، އެޗްޑީސީއާއި، އުރީދޫ މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސްގެ އިތުރުން ޝީޝާގެ އިސްވެރިން ބައިވެރިވިއެވެ.