ޚަބަރު

ދެވަނަ ބުރުގައި ޓީމުތައް ވަރުގަދަވެ، ލީގު ވާދަވެރިވެއްޖެ: މާޒިޔާގެ ކޯޗު


ދިރާގު ދިވެހި ޕްރިމިއަރ ލީގު، އިންޓަނޭޝަނަލް ބްރޭކަށްފަހު އަލުން ފެށިއިރު ޓީމުތައް ވަރުގަދަވެ، ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ދިވެހި ލީގުގައި ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް 1-2 އިން މޮޅުވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު ލުއިސްމާ ބުނީ، އިންޓަނޭޝަނަލް ބްރޭކުގައި ހުޅުވުނު ޓްރާންސްފަަރ ވިންޑޯގައި ޓީމުތަކުން ރަނގަޅު ކުޅުންތެރިންތަކެއް ހިމަނާފައިވާ ކަމަށާއި މިއާއެކު ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެ ކަމަށެވެ.

ޙާއްސަ ގޮތެއްގައި ޓީމުތަކުން ކުޅުންތެރިން ހަމަކޮށް އެކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާތާ ދުވަސްތަކެއް ވެފައިވާތީ، އެ ޓީމުތަކުގެ ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިވެ، ދަނޑުމަތިން އޭގެ ރަނގަޅު ނަތީޖާ ދައްކަމުންދާކަން ކޯޗު ފާހަގަކުރިއެވެ. އަދި މިއާއެކު ދިވެހި ފުޓުބޯޅައަށް ވެސް ކުރިއެރުންތަކެއް އައިސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރެވޭކަމަށް އޭނާ ބުންޏެވެ.

މި ބަދަލުތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި މާޒިޔާގެ މަގާމު ދަމަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނުކަން ފާހަގަކޮށް ކޯޗު ބުނީ، އޭނާއާއި ކުޅުންތެރިންގެ ޒިންމާއަކީ އަދި މަސައްކަތްކުރަނީ ލީގު ނިމޭއިރު އެ މަގާމު ދަމަހައްޓަން ކަމަށެވެ.

"މިހާރު ހުރިހާ ޓީމަކުން ވެސް ކުޅުންތެރިން ހަމަކޮށް އެކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާތާ ދެތިން މަސް މިވަނީ ވެފަ. އެހެންކަމުން އެ ޓީމުތަކުގެ ކުޅުންވެސް މިވަނީ ރަނގަޅުވެ. ވާދަވެރިކަން ވެސް މިވަނީ ބޮޑުވެފަ. ދެވަނަ ބުރު ޓީމުތަކުން ފަށާފައި މިވަނީ އައު ކުޅުންތެރިންނާވެސް އެކީގައި. އެއާއެކު ޓީމުތަކުގެ ފެންވަރު ވެސް މިވަނީ މަތިވެފަ. މިއީ ރާއްޖޭގެ ފުޓުބޯޅައަށް އޭގެ ފައިދާ ކުރާނެކަމެއް. ލީގުގެ ފެންވަރު ވެސް މަތިވާނެ. މި ބަދަލުތަކާއެކު މާޒިޔާއަށް މަގާމު ދަމަހައްޓަން ވެސް އުނދަގޫތަކެއް އަންނާނެ އެކަމަކު އަހަރުމެންގެ ޒިންމާއަކީ ލީގު ނިމޭއިރު ތާވަލުގައި އޮތުން. އެކަމަށް އަހަރުމެން ގަދައަޅާ މަސައްކަތްކުރާނަން'' ކޯޗު ލުއިސްމާ ބުންޏެވެ.

ލީގު ތާވަލުގެ އެއްވަނައިގައި މަގާމު ދަމަހައްޓަން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެކަމަށް ގަދައަޅާ މަސައްކަތްކުރާނެކަމަށް ކޯޗު ލުއިސްމާ ބުނެފައިވާއިރު، މެޗު ވީކް 13 ނިމުނުއިރު މާޒިޔާ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 13 މެޗުން 12 މެޗު ކާމިޔާބުކޮށް، 37 ޕޮއިންޓު ހޯދައިގެންނެވެ.

މާޒިޔާއާ އެންމެ ކައިރިން، ތާވަލުގެ ދެވަނައިގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 13 މެޗުން 29 ޕޮއިންޓާއެކުއެވެ.

ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ފަސް މެޗެވެ.