ޚަބަރު

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


  • އެވޯޑަށް އެދި ކުރިމަތިލެވޭނީ މިމަހުގެ 16ގެ ނިޔަލަށް

  • އެވޯޑަށް އެދި ހުށަހެޅޭނީ ޑަބްލިއުއެޗްއޯގެ ލިންކް މެދުވެރިކޮށް

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅުވައިގެން ދެވޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހުޅުވާލައިފިއެވެ.

"ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް1"އަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ސިއްޙަތު ޖަމިއްޔާއިން ދެއްވާ އެވޯޑެކެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، އެ މަސައްކަތުގައި ދެމިތިބުމަށް ހިތްވަރުދިނުމުގެ މަޤްސަދުގައި ދޭ އެވޯޑެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކޮށް، ދުންފަތުގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި، އެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރާ ގުޅުންހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި، އިދާރާތަކުން މި އިނާމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ، " އަންމާސްކިންގ ދަ އެޕީކް-ކައުންޓަރިން ނިކޮޓިން އެންޑް ޓޮބޭކޯ އެޑިކްޝަން" އެވެ.

މި އެވޯޑަށް އެދި ހުށަހެޅޭނީ، ޑަބްލިއުއެޗްއޯގެ ލިންކް މެދުވެރިކޮށެވެ. އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، މިމަހުގެ 16ވާ ހުކުރު ދުވަހެވެ.

ކޮންމެ އަހަރެއްގެވެސް ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، މެއިމަހުގެ 31 އެވެ.