މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި، ބައިނަލްއަޤްވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައި ވަނީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައެވެ.
އެފްއޭއެމް އިން ބުނީ، މި މުބާރާތް ބާއްވަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު، މާލޭގައި ކަމަށެވެ.
މި މުބާރާތަކީ، ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 'ޑައިމަންޑް ޖުބިލީ' އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ނަމުގައި ބާއްވާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވާން، އަވަށްޓެރި ސްރީލަންކާއަށާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލްގެ ޤައުމީ ޓީމަށް ދައުވަތުދޭން ވަނީ ނިންމާފައެވެ. ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުން ވަނީ މި ދަޢުވަތު ގަބޫލުކުރަން ނިންމާފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ދިވެހި ފުޓުބޯޅައަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ވެސް މިފަދަ މުބާރާތެއް ވަނީ ބާއްވާފައެވެ. 2000 ވަނަ އަހަރު، ގޯލްޑަން ޖުބިލީގެ ނަމުގައި ބޭއްވި އެ މުބާރާތުގައި ވާދަކުރީ މި ފަހަރުގެ މުބާރާތުގައި ވެސް ބައިވެރިކުރަން ދައުވަތުންދޭން ނިންމާފައިވާ ބަންގްލަދޭޝްއާއި ސްރީލަންކާގެ އިތުރުން މިފަހަރު ދަޢުވަތު ނުދޭ، ސަރަހައްދީ ގަދަބާރު އިންޑިއާ އިންނެވެ.
އެފަހަރުގެ މުބާރާތުގެ ފައިނަލުގައި ރާއްޖެއާއި ސްރީލަންކާ ވާދަކުރިއިރު، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ ސްރީލަންކާއިންނެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތުގެ އިތުރުން ވެސް، 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ބާއްވަން ވެސް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.
ފެބްރުއަރީ މަހުގެ 7-15 އަށް ބާއްވަން ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތުދެނީ ސީއެޗްއެސްއީ-މާލެ އަށާއި ސީއެޗްއެސްއީ-ހުޅުމާލޭގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައިސްކޫލަށެވެ.