ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް، މީގެކުރިން ދެ ފަހަރެއްގެ މަތިން އެ މަގާމާ ހަވާލުވެފައިވާ ހަންގޭރީގެ އިސްޓަވާން އުރުބާނީ ހަމަޖައްސައިފިއެވެ.
އިސްޓަވާން އުރުބާނީ ޤައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސަން ނިންމީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގައެވެ.
އެފްއޭއެއެމްއިން ބުނީ އުރުބާނީއާ އެ މަގާމު ހަވާލުކޮށްފައި ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާއާ ވެސް އެކުގައި ކަމަށެވެ.
ރާއްޖޭގެ ޤައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ އުރްބާނީ އެންމެފުރަތަމަ ހަވާލުވެފައި ވަނީ 2009 ވަނަ އަހަރުއެވެ. އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ މުބާރާތުގެ ރިހި މެޑަލް ހޯދާފައެވެ.
އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ އިންޑިއާއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ.
އެފަހުން 2012 ވަނަ އަހަރު، ސްރީލަންކާގައި އޮތް 23 އަހަރުންދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖެއިން ކާމިޔާބުކުރީ ވެސް އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.
އުމުރުން 58 އަހަރުގެ އުރުބާނީ ވަނީ ހަންގޭރީގެ ބައެއް ކުލަބުތަކާއި އެމެރިކާގެ ބައެއް ކުލަބުތަކަށް ވެސް ކޯޗުކަންކޮށްދީފައެވެ. އެގޮތުން އެމެރިކާގެ ސްޕޯޓިންގް ކެންސަސް ސިޓީގެ ޒުވާން ޓީމަށާއި ކޯ ވެލީ އެފްސީއަށް ވެސް އޭނާ އިރުޝާދުދީފައިވެއެވެ.
އުރުބާނީއަކީ ޔޫރަޕު ފުޓުބޯޅައިގައި ކޯޗުންނަށް ދޭ އެންމެ މަތީ ކޮލިފިކޭޝަންކަމަށްވާ ޔޫއެފާ ފްރޯ ކޯޗިން ލައިސެންސް ހާސިލްކޮށްފައިވާ ފަރާތެކެވެ.
އޭނާ ފާހަގަކުރެވެނީ ޒުވާން ކުޅުންތެރިން ކުރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭ، ޒަމާނީ ޓީމެއް އެކުލަވާލަން މަސައްކަތްކުރާ މޮޅު ކޯޗެއްގެ ގޮތުގައެވެ.