ޚަބަރު

ހެޔޮ އަގުގައި ތަކެތި ލިބޭކަން ސަރުކާރުން ކަށަވަރު ކުރާނެ: ވަޒީރު ސަޢީދު


  • ވަޒީރު މިހެން ވިދާޅުވީ ތަރުޖަމާނާއިއެކު ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން

  • ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތް އިތުރުކުރައްވާފައި

މިއަދުގެ ސަރުކާރަކީ ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރައިގެންދާއިރު އެކަމަށް އަޅާނުލާ އޮންނާނެ ސަރުކާރެއް ނޫންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، "ތަރުޖަމާނާއެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މި ސަރުކާރުން ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެއްވި 23 ބާވަތް ވަޒީރު ފާހަގަކުރެއްވިއެވެ.

ކެބިނެޓުގެ މަޝްވަރާއާއިއެކު ރައީސް ނިންމަވާފައިވަނީ ހަނޑޫ، ހަކުރު ފުށުގެ އިތުރުން 10 ބާވަތުގެ ތަރުކާރީ، 10 ބާވަތުގެ މޭވާ އަދި އިތުރު ކާނާގެ 3 ބާވަތެއް އެއީ އަސާސީ ބާވަތުގެ ގޮތުގައި ކަނޑައެޅުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެ ބާވަތްތައް ރާއްޖެ ގެނެސް ވިއްކުމުގެ ޒިންމާ ވަނީ އެސްޓީއޯއާއި ހަވާލުކުރައްވާފައި ކަމަށް ވިދާޅުވިއެވެ. އެ ބާވަތްތައް ރައްޔިތުންނަށް ލުއި އަގެއްގައި ރާއްޖޭގެ ކަންކޮޅުތަކުގައި ލިބެން ހުންނާނެކަން އެސްޓީއޯއިން ޔަޤީން ކުރަންވާނެ ކަމަށް ވިދާޅުވިއެވެ.

މިތަކެތި ހޯލްސޭލްކޮށް ވިއްކުމަށް މާލޭ ބަނދަރުމަތީގައި މިހާރު ވަނީ އެސްޓީއޯގެ ފިހާރައެއް ހުޅުވާފައެވެ. މި ފިހާރައިން ހޯލްސޭލްކޮށް މި ބާވަތްތައް އަގުހެޔޮކޮށް ލިބޭނެއެވެ. ވަޒީރު ވިދާޅުވީ، ރަމަޟާން މަހަށް ހުޅުމާލޭގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގެ ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައި ހުރި ތަންތަނުގައި އެ ޚިދުމަތްތައް ލިބޭނެއެވެ. އަދި 3000 އިން މަތީގެ އާބާދީތަކަށް މިހާރު އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މިތަކެތި ލިބޭނެ އިންތިޒާމްތައްވެސް ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ހަމަޖައްސަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް ނިމޭއިރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ކޮންމެވެސް ސިފައެއްގައި އެސްޓީއޯ މެދުވެރިވެގެން މިތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"3000 އިން މަތީގެ އާބާދީތަކުގައި އެސްޓީއޯގެ ފިހާރަތަކެއް ހުޅުވީމަ ކުދި ވިޔަފާރިތަކަށް އޭގެ ގެއްލުން ވާނެއޭ. އެއީ، އަސްލުގައި އޭގެ ރަނގަޅު ނެރެޓިވްއެއް ނޫން. މިކަން މިކުރާ ގޮތަކީ، އެސްޓީއޯއިން ގޮސް މާލޭގައިވެސް ހޯލްސޭލްކޮށް މިދޭ އަގުގައި މިދެނީ ރީޓެއިލްއެއް ނުކުރާނެ. ރީޓެއިލް ކުރަންޖެހޭ ހާލަތެއް އައިއްސިއްޔާ ކޮށްފާނެ. އެއްކޮށް ރޫލްއައުޓް ކުރަނީކީ ނޫން. އަޅުގަނޑުމެންގެ މަސައްކަތުގައި މި ގެންގުޅޭ ގޮތަކީ، އެތަނެއްގައި ހޯލްސޭލް ކުރަނީ އެތަނެއްގައި ވިއްކާ ވިޔަފާރިތަކަށް. ހޯލްސޭލް ކޮށްގެން އަގުބޮޑު ނުވާނެކަން ކަށަވަރު ކުރުން. އަގުބޮޑުވަނީ، އެހެންވެއްޖެއްޔާ ސަރުކާރަށް ޖެހޭނެ އަސާސީ ބާވަތެއްވީމަ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން." ވަޒީރު ވިދާޅުވިއެވެ.

އަސާސީ ބާވަތުގެ އަދަދު 23ގައި ހުރި ނަމަވެސް ވަށާޖެހޭ ދިރިއުޅުމެއް އުޅޭއިރު ހައި އިމްޕެކްޓް އައިޓަމްތަކެއް ހުންނަކަން ވަޒީރު ވިދާޅުވިއެވެ. އަދި އެއިން ވަކި އައިޓަމެއް އަގުބޮޑުވާނަމަ އަދުގެ ސަރުކާރުން ރައްޔިތުންނަށް ބުރައަކަށްނުވެ އެ ތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ، އަސާސީ ކާބޯތަކެތީގެ ޕްރައިޒް އިންޑެކްސްއެއް އެކުލަވާލާފައެވެ. އަދި 162 ބާވަތެއްގެ އަގު ދުވަހުން ދުވަހަށް މޮނިޓަރ ކުރަމުންދެއެވެ.