ޚަބަރު

ވެނެޒުއެލާ ހިންގުމާއި ތެލުގެ ވިޔަފާރިއާ އެމެރިކާއިން ޙަވާލުވެއްޖެ


އެމެރިކާއިން ވެނެޒުއެލާއަށް ވަދެ، އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން ނިއު ޔޯކަށް ގެނެސްފައިވާ ކަމަށާއި، އިންތިޤާލީ އިންތިޒާމެއް ހަމަޖައްސައިދެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޖެނުއަރީ 2ވަނަ ދުވަހު ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތައް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ ވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ އޮޕަރޭޝަންގައި މަދޫރޯ އާއި އަނބިކަނބަލުން، ސީލިއާ ފްލޯރޭސް ހައްޔަރުކޮށްގެން، އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް ގެންދިޔުމަށްފަހު، ފަހުން ވަނީ ހެލިކޮޕްޓަރެއްގައި އެމެރިކާގެ ނިއޯ ޔޯކަށް ގެންގޮސްފައެވެ.

މަދޫރޯ އާއި އަނބިކަނބަލުން މި ވަގުތު ހުންނެވީ ނިއު ޔޯކުގައި ހުންނަ ޑިޓެންޝަން ސެންޓަރެއްގައެވެ.

ފްލޮރިޑާގައި ހުންނަވައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ޓްރަމްޕް ވިދާޅުވީ، ވެނެޒުއެލާގައި ހަމަޖެހުން ޤާއިމުކޮށް، ވެރިކަމުގެ އިންތިޤާލީ ނިޒާމެއް ޤާއިމުކުރެވެންދެން، އެ ޤައުމު ހިންގުމާ އެމެރިކާއިން ސީދާ ޙަވާލުވެފައިވާ ކަމަށެވެ.

ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، ވެނެޒުއެލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރަނީ، މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށެވެ.

އެއާއެކު، ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ގިނަ އުޅަނދުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ޙަމަލާދީފައެވެ.

މީގެއިތުރުން، ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ޓޭންކަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ކަނޑުމަގުން އެ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ވެސް އެމެރިކާއިން ވަނީ ފަށައިފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، މަދޫރޯގެ ދިގު ވެރިކަމުގައި، ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ވެނެޒުއެލާގެ ތެލުގެ ވިޔަފާރީގެ އުމްރާނީ ވަޞީލަތްތައް ވަރަށް ބޮޑަށް ހީނަރުކޮށްލާފައިވާއިރު، އެ ވަޞީލަތްތައް އަލުން ބިނާކޮށް، ތެލުގެ ވިޔަފާރިއާ އެމެރިކާގެ ތެޔޮ ކުންފުނިތަކުން ޙަވާލުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އޮފިޝަލަކު ރޮއިޓަރސް ނޫހަށް ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ނިރުބަވެރި ޙަމަލާތައް ރޭވުން ފަދަ އެތައް ދަޢުވާއެއް މަދޫރޯގެ މައްޗަށް އުފުލުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެންހަޓަންގެ ފެޑަރަލް ކޯޓަށް މަދޫރޯ ހާޒިރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް އެ އިޝާރާތްކުރެއްވި އިންތިޤާލީ މަރުޙަލާގައި ވެނެޒުއެލާގައި ވެރިކަން ކުރައްވާނެ ބޭފުޅެއްގެ ނަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް، ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އަދި ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ މާރިއާ ކޮރީނާ މަޗާޑޯއަށް، ވެނެޒުއެލާގެ ރައްޔިތުންގެ ތާޢީދުނެތް ކަމަށް ޓްރަމްޕް ސާފުކޮށް ވިދާޅުވިއެވެ.

މިނިވަން އަދި މުސްތަޤިއްލު ޤައުމެއްގައި އަސްކަރީ ޙަރަކާތެއް ހިންގުމުން އދ އާއެކު ގިނަ ޤައުމުތަކުން ވަނީ އެމެރިކާގެ ޢަމަލު ކުށްވެރިކޮށް، ކަންބޮޑުވުންފާޅުކޮށްފައެވެ.

އަދި އެމެރިކާގެ އިދިކޮޅު، ޑިމޮކްރެޓްސް އިން ވެސް ދަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ނުހޯދައި، ބޭރު ޤައުމެއްގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމުން ޓްރަމްޕްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.