ޚަބަރު

މޯލްޑިވިއަން އައިޑަލްގެ ބެވަރޭޖް ޕާޓްނަރަކަށް އެކްސްއެލް އެނަރޖީ


މޯލްޑިވިއަން އައިޑަލްގެ 2 ވަނަ ސީޒަންގައިވެސް ބެވަރޭޖް ޕާޓްނަރަކަށް އެކްސްއެލް އެނަރޖީ ޑްރިންކް ހަމަޖައްސައިފިއެވެ. ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ޕީއެސްއެމުން ބޭއްވި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ބެވަރޭޖް ޕާޓްނަރަކީވެސް އެކްސްއެލް އެނަރޖީ ޑްރިންކެވެ. އެކްސްއެލް އެނަރޖީ ޑްރިންކްގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކީ ބީ.އެޗް.އެމް.އެވެ. މޯލްޑިވިއަން އައިޑަލްގެ 2 ވަނަ ސީޒަންގައިވެސް ބެވަރޭޖް ޕާޓްނަރަކަށް އެކްސްއެލް އެނާރޖީ ޑްރިންކް ހަމަޖެއްސުމުގެ އެގްރީމަންޓްގައި މިއަދު ވަނީ ދެފަރާތުން ސޮއިކޮށްފައެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބޭއްވި އެންމެ މަޤްބޫލު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، މި ޝޯވ ގެ 2 ވަނަ ސީޒަން ބޭއްވުމަށް ޕަބްލިކް ސަރވިސް މީޑިއާއިން މިހާރު ވަމުން އަންނަ ތައްޔާރީތަކުގައި ސްޕޮންސަރުންގެ ގޮތުގައި ރާއްޖޭގެ ވިޔަފާރިވެރިންގެ ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. މީގެތެރޭގައި ބައިނަލްއަޤުވާމީ ބްރޭންޑްތައްވެސް ހިމެނެއެވެ. އެގޮތުން 2 ވަނަ ސީޒަންގެ ސްޕޮންސަރުން ހަމަޖައްސައި އެކަމުގެ އެއްބަސްވުންތަކުގައި މިހާރު ދަނީ ސޮއިކުރަމުންނެވެ.

މިޝޯވްގެ ފުރަތަމަ ސީޒަންގެވެސް ބެވަރޭޖް ޕާޓްނަރ އެކްސްއެލް އެނާރޖީ ޑްރިންކާއެކު 2 ވަނަ ސީޒަންގެވެސް ބެވަރޭޖް ޕާޓްނަރއަކަށް އެކްސްއެލް އެނާރޖީ ޑްރިންކް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު، އަދި އެކްސްއެލް އެނާރޖީ ޑްރިންކްގެ ސޭލްސް އެގްޒެކްޓިވް މާރޗިން ޑިކާއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެކްސްއެލް އެނާރޖީ ޑްރިންކްގެ ސޭލްސް އެގްޒެކްޓިވް މާރޗިން ޑިކާ ވިދާޅުވީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ފާހަގަކުރެވުނީ ވަރަށް ފެންވަރު ރަނގަޅު އަދި މަޤްބޫލްކަން ލިބުނު ސީޒަނެއްގެ ގޮތުގައި ކަމަށާއި، މި ކާމިޔާބީއަށް ބަލައި 2 ވަނަ ސީޒަން އެއަށްވުރެ ފުރިހަމަ ވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އެ ޔަޤީންކަމާއި ކާމިޔާބީއަށް ބަލައި މިފަހަރުވެސް ސްޕޮންސަރކުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިންވެސް އެއްބަސްވެފައިވާ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ނެރޭ އެކްސްއެލް ދަޅުގެ ބޭރުގައި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ލައިޝާ ޖުނައިދުގެ ފޮޓޯ އާއި މޯލްޑިވިއަން އައިޑަލްގެ ލޯގޯއާއެކު ދަޅު ފަރުމާ ކުރުމަށް ނިންމާފައިވާކަން ސްޕޮންސަރ އެގްރިމަންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެކްސްއެލް އެނާރޖީ ޑްރިންކްގެ ސޭލްސް އެގްޒެކްޓިވް މާރޗިން ޑިކާ ވަނީ އިޢުލާން ކުރައްވާފައެވެ. މިކަން ވެގެންދާނީ މިފަދަ މަޝްހޫރު ބައިނައަޤުވާމީ އުފެއްދުމެއްގައި ދިވެއްސެއްގެ ފޮޓޯ ހިމެނޭ ފުރަތަމަ ފަހަރުކަމުގައެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ އިންޓަރނޭޝަނަލް ބްރޭންޑެއް އައިޑަލްއާ ގުޅުމަކީ އަދި އެކަން ދެމެހެއްޓުމަކީ މިޝޯވއަށްވެސް ލިބޭ އިތުރު ފުރިހަމަކަމެއް ކަމުގައެވެ. އަދި ކުރިއަށް އޮތް ސީޒަން ފުރަތަމަ ސީޒަނަށްވުރެ ހުރިހާ ގޮތަކުން ފުރިހަމަވާނެކަމުގެ ޔަޤީންކަން އައިޑަލް ޕްރޮޖެކްޓް ލީޑަރ ޝާޔަން ދެއްވިއެވެ.

ޝާޔަން ވިދާޅުވީ ޝޯވްގެ ފުރަތަމަ ސީޒަންގެ ސަކްސެސް ސްޓޯރީއެއްގޮތުގައި އަންނަ އަހަރު ލޯންޗްކުރާ އެކްސްއެލް ދަޅުގެ ބޭރުގައި ލައިޝާގެ ފޮޓޯ ޖެހުމަށް ނިންމި ނިމުމަކީ ލިބުނު އިތުރު ކާމިޔާއަކާއި ފަޚުރެއް ކަމަށެވެ. 

ބީއެޗްއެމްއިން ރާއްޖޭގައި މާރކެޓްކުރާ އެކްސްއެލް އެނަރޖީ ޑްރިންކާއެކު ޕީއެސްއެމްގެ ފަރާތުން މި އެކަށައެޅި އެއްބަސްވުމަށްފަހު، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވަނީ އެކްސްއެލް އެނާރޖީ ޑްރިންކްގެ ސޭލްސް އެގްޒެކްޓިވް މާރޗިން ޑިކާ އާއި ބީއެޗްއެމްގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިބްރާހީމް ޚަލީލް ވަނީ މޯލްޑިވިއަން އައިޑަލްގެ 2 ވަނަ ސީޒަންގެ ސްޕޮންސަރަކަށްވުމަށް ނިންމީތީ ބީއެޗްއެމްއާއި އެކްސްއެލް އެނަރޖީ ޑްރިންގ އުފައްދާ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.