ޚަބަރު

ސްޓްރޯކެއް ޖެހި ނިމާލްގެ ހާލު ސީރިއަސް، އައިޖީއެމްއެޗަށް ބަދަލުކޮށްފި


  • ނިމާލަށް ސްޓްރޯކެއް ޖެހުނީ ރޭ މާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށް

  • ނިމާލަކީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ފަންނާނެއް

ސްޓްރޯކެއް ޖެހިގެން ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަޙްމަދު ނިމާލުގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މިއަދު އައިޖީއެމްއެޗަށް ބަދަލުކޮށްފިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުން ވިދާޅުވީ، މިއަދު ހެނދުނު 11:30ހާއިރު އިތުރު ފަރުވާ ދިނުމަށް ނިމާލް އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އޭނާއަަށް އައިސީޔޫގައި ފަރުވާދެމުން ދިޔަ ނަމަވެސް ހާލަތަށް އެދެވޭ ބަދަލެއް އައިސްފައިނުވާ ކަމަށްވެސް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހުނީ، ރޭ މާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށެވެ. އަދި ސްޓްރޯކް ޖެހުމާއެކު އޭނާ ސައިކަލު މަޑުކުރި ވަގުތު ބިންމައްޗަށް ވެއްޓުނު ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނިއެވެ.

އަޙްމަދު ނިމާލަކީ، ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ފަންނާނެކެވެ. އޭނާ ފިލްމީ ދާއިރާއަށް ނުކުތީ, 1984 ވަނަ އަހަރު އީސާ ޝަރީފުގެ "ނުފޫޒު" ފިލްމުން އެކްޓަރެއްގެ ގޮތުގައެވެ. އޭގެ ފަހުން 1993 ވަނަ އަހަރު ނިމާލް ލިޔެ، ޑައިރެކްޓުކޮށް އަދި އެކްޓުކުރި "ސިޓީ" އަކީ ދިވެހި ތާރީޚުގައި އާންމުންގެ ބޮޑު މަޤުބޫލު ކަމެއް ހޯދި ފިލްމެކެވެ.

ނިމާލް ޑައިރެކްޓު ކުރި އަދި މުހިންމު ރޯލުތައް އަދާކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ޒަލްޒަލާ"، "ޔޫސުފް" އަދި "ނިއުމާ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ. ފިލްމީ ދާއިރާއަށް އޭނާ ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 1991 ވަނަ އަހަރު އޭނާއަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާފައެއެވެ.