ޚަބަރު

މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފި


  • ޒަކާތުގެ ފުރަތަމަ ޤާނޫނު ތަސްދީޤު ކުރެއްވީ ޑިސެންބަރު 6 ވަނަ ދުވަހު

  • މި ފެށުނު އާ އަހަރާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެ

ޒަކާތުގެ ޤާނޫނުގެ ދަށުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކުރައްވައިފިއެވެ.

މިއާއެކު، ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލައްވާފައެވެ.

ޒަކާތުގެ ފުރަތަމަ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހުއެވެ. އަދި މި ފެށުނު އާ އަހަރާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

މި ޤާނޫނަކީ، އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކޮށްފައިވާ މަޤުޞަދުތައް ޙާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަޤުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤުޞަދެކެވެ.