ޚަބަރު

ރޭގަނޑު މަތިންދާބޯޓު ނުޖެއްސޭ އެއްވެސް އެއާޕޯޓެއް މިހާރު ނޯންނާނެ


  • ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްފައި

  • ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުތައް ފެށުމަކީ ރައީސްގެ އަމާޒެއް

ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން ކަމިޔާބުކަމާޢެކު ނިންމާލައިފިއެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފަހުން ރޭގަނޑު ދަތުރުތަކަށް ތައްޔާރުކުރެވުނީ ށ. ފުނަދޫ އެއާޕޯޓެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ފުނަދޫ އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ނިމުމާއެކު، ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް މިހާރު ރޭގަނޑު ދަތުރުކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ދަތުރުތައް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއް ކަމަށެވެ. އަދި ރައީސްގެ އިރުޝާދާއި އެއްބާރުލުމާއެކު މި ލަނޑުދަނޑި ހާސިލުކުރެވުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ގައުމީ މުހިންމު އަމާޒެއް. އެމަނިކުފާނުގެ މެދުނުކެނޑި ދެއްވި އިރުޝާދާއި އެހީތެރިކަމާއެކު މިކަން މިވަނީ ހާސިލުކުރެވިފައި،" ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ވަޒީރު ވަނީ މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ބަދަލާއެކު ރާއްޖޭގެ އެކި ކޮޅުތަކަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް 18 އެއާޕޯޓު ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ 5 އެއާޕޯޓަކާއި (ވެލާނާ، ގަން، ހަނިމާދޫ، މާފަރު އަދި ވިލާ އިންޓަނޭޝަނަލް) ގިނަ އަދަދެއްގެ ދާހިލީ އެއާޕޯޓުތައް ހިމެނެއެވެ. އަދި ރަށްތައް ގުޅާލުމުގެ ނިޒާމު ހަރުދަނާކޮށް، ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްތަކަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގުފަހިކުރުމަށްޓަކައި، މި އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.