ޚަބަރު

ބަނގުރާ އުފައްދައި ވިޔަފާރި ބިދޭސީންތަކެއް ހައްޔަރުކޮށްފި


  • މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ 5 މީހުން

  • މި މީހުން ޑީޕޯޓްކުރުމަށް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި

  • ބަނގުރާ ކަމަށް ޝައްކުކުރެވޭ، 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވޭ

ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން 5 މީހުން ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މައްޗައްގޯޅި ގެއެއް ބަލައިފާސްކޮށް 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެ ގެ ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ 5 މީހުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ޕެރިޔައާއި، 43 އަހަރުގެ ސަރަވަނާން ސުބާއިހް އާއި 53 އަހަރުގެ ސިތްރިމަން ގަނިސަންގެ އިތުރުން 37 އަހަރުގެ ރަވިންދުރަ ކުމާރުއާއި 47 އަހަރުގެ ރާޖާ ރަމަލިންގަމް އެވެ. ހައްޔަރުކޮށްފައިވާ 5 މީހުން ޑީޕޯޓްކުރުމަށް މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.