ޚަބަރު

އޯޓިސްޓިކް ކުދިންގެ ހުނަރު ދައްކާލުމަށް ޙަރަކާތެއް ބާއްވައިފި


އިންޓަރނޭޝަނަލް އޯޓިސްޓިކް ޓެލެންޓް ގާލާ ޝޯވގ ދެހާސް ސޯޅައިގައި، ރާއްޖެއިން ބައިވެރިވާ އޯޓިސްޓިކް ކުދިންގެ ހުނަރު ދައްކާލުމުގެ ގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ޚާއްސަ ޙަރަކާތެއް ހިންގައިފިއެވެ.

މި އަހަރުގެ ނޮވެމްބަރުމަހުގެ ފަހުކޮޅު ހޮންކޮންގ ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ގާލާޝޯވގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހަތް ކުއްޖަކު ބައިވެރިވެއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ވަނީ މި މުބާރާތުގައި ބައިވެރިވާ ކުދިންގެ ހުށަހެޅުންތައް ޕްރޮމޯޓްކުރުމުގެ ގޮތުން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ދެއްކެވި ވާހަކަފުޅުގައި، އޯޓިޒަމް ފަދަ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ހުރިހާ ފަރާތެއްގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ބޭނުންވާ ކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކުދިންގެ ކިބައިގައި ހުރި ހުނަރު ދެނެގަނެ އެކުދިންގެ ތަޢުލީމަށް ޚާއްސަ ސަމާލުކަމެއް ދެއްވަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، އެފަދަ އެހީތެރިކަމަށް ބޭނުންވާ ކުދިންގެ ކުރިއެރުމަށް ސަރުކާރުން ބޮޑު ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށް ފާހަގަކުރެއްވިއެވެ.

''އޯޓިޒަމް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވާ ސަމާލުކަން ފާހަގަކުރަން. ޚާއްސަކޮށް ޖެންޑަރ މިނިސްޓަރ ޒެނީޝާ ދެއްވާ ސަމާލުކަން. މިފަދަ ކުދިންގެ ހުނަރު ދައްކާލުމަކީ ރާއްޖެއަށްވެސް ލިބޭ ފަޚްރެއް. އޯޓިޒަމް އެސޯސިއޭޝަންއިން ކުރަމުންދާ މަސައްކަތް ފާހަގަކުރަން." މިނިސްޓަރ ވިދާޅުވިއެވެ. ެ

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ ވަނީ އޯޓިޒަމް ކުދިންނަށް ޚާއްސަކޮށްގެން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ތައްޔާރުކޮށްފައިވާ ލަވަ ސީޑީއަށް މޯލްޑިވްސް އެޓޯޒަމް އެސޯސިއޭޝަނަށް ހަދިޔާކޮށްފައެވެ.

މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި މިމުބާރާތުގައި ޕާރފޯމްކުރާ ކުދިން، އެކުދިން ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ އައިޓަމްތައް ހުށަހަޅައިދީފައިވެއެވެ. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިފްހާމް ޙުސައިން ވިދާޅުވީ، މިއީ އެޖަމްޢިއްޔާގެ ފަރާތުން މިފަދަ ކުދިންގެ ހުނަރު ދައްކާލުމަށް ހިންގާ މުހިންމު ޙަރަކާތެއް ކަމަށެވެ. އޯޓިސްޓިކް ޓެލެންޓް ޝޯވގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކުދިންނަށް އިންޓެނެޓް މެދުވެރިކޮށް ވޯޓު ދެވޭނެ ކަމަށް އިފްހާމް ވިދާޅުވިއެވެ. މި ހަވީރުގައި ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރާ، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އާއި އޯޓިޒަމް ހުންނަ ކުދިންގެ ޢާއިލާތަކުން ބައިވެރިވެފައިވެއެވެ.