ޚަބަރު

ތަޢުލީމީ ނިޒާމުގައި އަޚްލާޤާއި ތަރުބިއްޔަތަށް ޚާއްޞަ އިސްކަމެއް ދެނީ


  • މިއީ ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން ކުރުމަށް ނިންމާފައިވާ ކަމެއް

  • ތަޢުލީމީ ވުޒާރާއިން ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން

އަންނަ އަހަރު މަދަރުސީ ތަޢުލީމްގެ ނިޒާމުގައި އަޚްލާޤާއި ތަރުބިއްޔަތަށް ޚާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، ތަޢުލީމަކީ ހަމައެކަނި ސްކޫލް މާހައުލުން ދެވޭނެ އެއްޗެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢު ގުޅެންޖެހޭނެ ކަމެއް ކަމަށެވެ. މިކަމުގައި ބެލެނިވެރިންނާއި، މުދައްރިސުން ގުޅެން ޖެހޭ ކަމަށާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައިވެސް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަޤީޤީ އޮއްޓަރު ހުރި ތަޢުލީމަކީ ތަރުބިއްޔާތާއެކު ދެވޭ އެއްޗެއް ކަމަށާއި، ރިވެތި އަޚުލާގާއި، ރިވެތި ސިފަތައް އަދި ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށް ދޭންޖެހޭ ކަމަށެވެ. ވަޒީރު ވިދާޅުވީ، ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން އަންނަ އަހަރު މަދަރުސީ ތަޢުލީމްގެ ނިޒާމުގައި އަޚްލާޤާއި ތަރުބިއްޔަތަށް ޚާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމަގަށް ކަންކަން ކުރުމަށްޓަކައި ތަޢުލީމީ ވުޒާރާއިން ކުރަންޖެހޭ ކަންކަން ކުރުމުގައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" މިއީ މެހެމާނުންނަށް މަރުޙަބާ ކިޔަައިގެން ޢާމްދަނީ ހޯދާ ޤައުމެއް. ބަލާލި ކޮންމެ ދިމާލަކުންވެސް އެއީ ސްކޫލް މަދަރުސާ އަކުންވިޔަސް، މަގުމަތި ކަމުގައި ވިޔަސްމެ. އަދި އެއީ މަސައްކަތުގެ މާހައުލު ކަމުގައިވިޔަސް ޤައުމުން ފެންނަން ވާނީ ރިވެތި އާދަކާދަތައް. ރިވެތި އަޚުލާޤު. ހެޔޮގަތުގައި ތަރުބިއްޔަތުވެފައި ތިބި ކުދިންތައް ފެންނަން ވާނެ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

އަޚްލާޤު ރަނގަޅު ދަރިންތަކެއް އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަންނަ ދިރާސީ އަހަރު ފެށުމާއެކު ގްރޭޑް 10އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ވަރަށް ހަރުކަށިކޮށް ބަލަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސްކޫލް ގަޑީގައި އެގްރޭޑްތަކުގެ ދަރިވަރުންނަށް ސްކޫލުގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އޭލެވެލް ކިޔަވާ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ ކަމަށާއި، ނަމަވެސް އެދަރިވަރުންގެ ފޯނުތައް ހުންނަށް ވާނީ އެކަމަށް ޚާއްސަކޮށްގެން ސްކޫލުގައި ބަހައްޓާ ލޮކަރެއްގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.