އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ މެޗު ޓިކެޓް ގަތުމަށް 150 މިލިއަން ރިކުއެސްޓް ލިބިފައިވާކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފި އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާގެ ރައީސް މިހެން ވިދާޅުވެފައިވަނީ އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ މެޗު ޓިކެޓްތަކުގެ އަގު ބޮޑުކަމަށް އާންމުން ބުނެފައިވަނިކޮށެވެ.
"ފީފާ އިން ވަނީ ވޯލްޑްކަޕްގެ 7 މިލިއަން ޓިކެޓް ވިއްކުމަށް އިއުލާން ކޮށްފައި. މި ޓިކެޓްތައް ވިއްކަން އިއުލާން ކުރިތާ 15 ދުވަހުގެ ތެރޭގައި 150 މިލިއަން ރިކުއެސްޓް ވަނީ ލިބިފައި. މާނައަކީ އެވްރެޖްކޮށް ދުވާލަކު 10 މިލިއަން ރިކުއެސްޓް ވަނީ ޓިކެޓް ގަންނަން ލިބިފައި." ދުބާއީގައި ކުރިއަށްދިޔަ ވޯލްޑް ސްޕޯޓްސް ސަމިޓުގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ވިދާޅުވި އެވެ.
އިންފަންޓީނޯ އިތުރަށް ވިދާޅުވެފައިވަނީ ވޯލްޑްކަޕްގެ 100 އަހަރުވީ ދިގު ތާރީޚުގައި މިހާތަނަށް ވިއްކާފައިވަނީ 44 މިލިއަން ޓިކެޓް ކަމަށާއި ނަމަވެސް މި ފަހަރުގެ މުބާރާތަށް އޮތް ޑިމާންޑާށް ބަލައި 300 އަހަރުގެ ޓިކެޓް ވިއްކިދާނެ ކަމަށާއި އެހެންކަމުން މުބާރާތަށް ބޮޑު ތަރުހީބެއް އެބައޮތް ކަމަށެވެ.
ކުރިއަށް އޮތް ވޯލްޑްކަޕްގެ މެޗު ޓިކެޓްތައް ވިއްކަން ފީފާއިން އިއުލާން ކުރުމާއިއެކު ޓިކެޓުގެ އަގު ބޮޑުކަމަށް ވަރަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. މި ފަހަރުގެ ވޯލްޑްކަޕްގެ މެޗު ޓިކެޓެއްގެ އަގު އެވްރެޖްކޮށް އުޅެނީ 2000 އެމެރިކާ ޑޮލަރުން މަތީގަ އެވެ. އަދި ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު 7000 އެމެރިކާ ޑޮލަރަށް އަރައެވެ.
އިންފަންޓީނޯ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މެޗު ޓިކެޓް ގަންނަން އެންމެ ގިނަ ރިކުއެސްޓް އައިސްފައިވަނީ މުބާރާތް ބާއްވާ އެމެރިކާ އިންނެވެ. އަދި އޭގެ ފަހުން ޖަރުމަން ވިލާތާއި އިނގިރޭސި ވިލާތުންނެވެ.