ޚަބަރު

ސައިބަރ ކްރައިމް ސެންޓަރުގެ އެހީތެރިކަން 1095 މީހަކަށް


  • މިއަހަރު މިހާތަނަށް 814 މައްސަލައެއް ހުށަހަޅާފައިވޭ

  • ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖޭގައި އުޅޭ މީހުންނަށް އަމާޒުކޮށް ބްލެކްމެއިލް ކުރޭ

  • ސްކޫލް ކޮންފެޝަން ޕޭޖުުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

ސައިބަރ ކްރައިމް ސެންޓަރުން މިއަހަރުގެ މިހާތަނަށް 1095 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ، ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާއި އެންޓި ސްކޭމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ބުރާސްފަތި ދުވަހު ފުލުހުން ވަނީ، ސައިބަރ ކްރައިމް ސެންޓަރަށް މިއަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ. ފުލުހުން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރަށް 814 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މިއީ، އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 90 އިންސައްތަ އިތުރުވުމެއްކަން ފުލުހުން ފާހަގަކުރެއެވެ.

އެ ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ސްކޭމް އަދި މަކަރާއި ހީލާތުގެ މައްސަލަތަކެވެ. މިއީ، ހުށަހެޅުނު މައްސަލަތަކުގެ 66 އިންސައްތައެވެ. މީގެ އިތުރުން ފޯން ހެކް ކުރުމާއި، މީސް މީޑިއާ އެކައުންޓުތައް ހެކް ކުރުމުގެ މައްސަލަތަކާއި، ބްލެކްމެއިލް އަދި ޑިފެމޭޝަންއާއި ބިރު ދެއްކުމުގެ މައްސަލަތަކެއްވެސް ހުށަހަޅާފައިވާ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. މިއަހަރު ހުށަހެޅި މައްސަލަތަކުގެ 10 އިންސައްތަ މައްސަލައަކީ، ބްލެކްމެއިލްގެ މައްސަލަތައްކަން ފާހަގަކޮށް ފުލުހުން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް ބްލެކްމެއިލް ކުރުމުގެ ހަރަކާތްތަކެއް ހިންގަމުންދާކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ. ފުލުހުން ވަނީ، މިއީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ.

މިއަހަރުގެ މިހާތަނަށް އެއިދާރާގެ ސައިބަ ކްރައިމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ހާހަކަށްވުރެ ގިނަ މީހުންނަށް އެކި ބާވަތްތަކުގެ މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

" ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާނަމަ އަޅުގަނޑުމެންނަށް މުޅި ޖުމްލަ 1095 މީހަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވޭ. ފޯރުކޮށްދެވިފައިވާ އެހީތެރިކަމަށް ބަލާނަމަ އަޅުގަނޑުމެން މައްސަލަތަކާއި ގުޅިގެން ހުށަހެޅިފައިވާ ކަންތައްތަކުގެ ތެރެއިން އެފަރާތްތަތަކުގެ ސޯޝަލް މީޑިއާ ރިކަވަރ ކުރުމާއި، މޯބައިލް ފޯން ހެކް ކުރުމާއި، ތަފާތު އެކި ސޯޝަލް މީޑިއާގެ އެކައުންޓުތަކުގެ ސެޓިން ހެދުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މި 1095 އަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ." އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ސައިބަރ ކްރައިމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މިހާރު 111 މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މީގެ ތެރެއިން ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުންނަށް އަމާޒުކޮށް ހިންގާ ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައަކީ، ސައިބަރ ކްރައިމް މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަކަން ފުލުހުން ފާހަގަކުރައްވައެވެ. ސްކޫލްތަކުގެ އެކިއެކި ފަރާތްތަކަށް އަމާޒުކޮށް ހިންގަމުންދާ ކޮންފެޝަން ޕޭޖްތަކުގެ ތެރެއިން، މިހާތަނަށް 3 ޕޭޖެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން ފުލުހުން މައުލޫމާތު ފޯރުކޮށްދީގެން 19 ޕޭޖެއް ޑައުންކޮށްފައިވާއިރު، މިހާރުވެސް 30 ޕޭޖެއް ހުއްޓުވުމަށް މޮނިޓަރކޮށް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ، ސައިބަރ ކްރައިމް ޑިޕާޓްމެންޓުން މިއަހަރުވެސް ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އިންޓަޕޯލްއާއި ގުޅިގެން ހިންގި ސަރަހައްދީ އޮޕަރޭޝަނެއްގައި ބައިވެރިވެ 20،000 އަށްވުރެ ގިނަ އައިޕީ އެޑްރެސްތަކާއި ޑޮމެއިން ނައްތާލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

2021 ވަނަ އަހަރު ފުލުހުންގެ ސައިބަރ ކްރައިމް އޮޕަރޭޝަން ސެންޓަރ ޤާއިމްކޮށްފައިވާއިރު، މިއަހަރު އޯގަސްޓް މަހު ވަނީ ދައުލަތުގެ އެކިއެކި މުޢައްސަސާތަކާއި އެކި ފަރާތްތަކަށް ދިމާވާ ސައިބަރ ސެކިއުރިޓީ މައްސަލަތަކުގައި އެހީވުމަށް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރެއް އިފްތިތާޙްކޮށްފައެވެ.