ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ. މެޗުން ނިއު މޮޅުވީ 3-0 ލަނޑުންނެވެ.
މި ނަތީޖާ އެކު ނިއު އަށް 12 މެޗުން ލިބުނީ 23 ޕޮއިންޓެވެ. ބުރު ހަތަރުވަނައަށް ވެއްޓުނު އިރު އެޓީމަށް ލިބެނީ 20 ޕޮއިންޓެވެ.
މިމެޗުގައި ނިއުގެ ޓީމުން ބަދަލުތަކެއް ފެނިގެންދިޔައިރު ފުރަތަމަ ޓީމުގައި ހިމެނިގެން ކީޕަރު އަހުމަދު ސަމީރު ވަނީ މެޗު ފުރިހަމަ ކޮއްފައެވެ. ސަމީރަކީ އެންމެ ފަހުން ނައިންޓީ ޕްލަސް ގޯލްޑްކަޕުގައި ކ.ގުރައިދޫ ޓީމުގެ ގޯލު ބެލެހެއްޓި ކީޕަރެވެ.
މެޗުގެ އެންމެ މުހިންމު ބަދަލަކަށް ފެނިގެން ދިޔައީ ދެވަނަ ހާފުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު ކުޅެން ނުކުތުމެވެ. ދެ އަހަރު ފަހުން އަޝްފާގް ކުޅެން ނުކުތް އިރު އޭނާ އެންމެ ފަހުން ލީގުގައި ކުޅުނީ 2023 ވަނަ އަހަރުއެވެ.
ދެ އަހަރާއި އަށްމަހާއި އަށް ދުވަސް ފަހުން އަޝްފާގު އެނބުރި އައީ ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަން ކޮށް ފަރުވާ ހޯދުމަށްފަހުއެވެ. މެޗުގައި ނިއުގެ ފޯވާޑް ލައިނާ އަލަށް ގުޅުނު ނައިޖީރިއާ ގެ އަލް ހާޖީ ގެރޫ ވަނީ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ނުރައްކާ ތެރި ހަމަލާ ދިޔައީ ނިއުގެ ހާޖީ ބޮލުން ޖައްސާލުމުން މުހައްމަދު ނިޒާމް ބޮލުގަ ޖެހިފަ ކީޕަރަށެވެ. 10 ވަނަ މިނިޓުގައި ބުރުގެ ކެޕްޓަން އަލީ ހަމްދާން ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.
ނިއު އިން މެޗުގެ ލީޑުނެގީ 25 ވަނަ މިނިޓުގައި އޭރިއާ ތެރެއިން އަލީ ފާސީރު ޖައްސާލި ބޯޅައެއް އަރިމަތިން ހުސްކޮށް ހުރި ރާއިފް ގޯލަށް ވައްދައިލައިގެން ކާމިޔާބު ކުރި ލަނޑުންނެވެ.
ނިއުގެ ލަނޑަށްފަހު ބުރުގެ ނާއިމް އަށް ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނަ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ދަނޑިމަތިންނެވެ. 40 ވަނަ މިނިޓުގައި ބުރުގެ ހަޑްސަން ޑިއަސް ފޮނުވާލި ހަމަލާއެއް ކީޕަރު ސަމީރު ވަނީ މަތަކޮއްފައެވެ.
ނިއުގެ ދެވަނަ ލަނޑު ފާސިރު ކާމިޔާބު ކުރީ މެޗުގެ 53 ވަނަ މިނިޓުގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ދުރުކަނަށް އަމާޒުކޮށް ފޮނުވާލައިގެންނެވެ. ތިންވަނަ ލަނޑު ފާސިރު ޖެހީ 58 ވަނަ މިނިޓުގައި އޭރިއާތެރެއިން ދެ ކުޅުންތެރިން ކައިރިން ނައްޓާލާ ގޯލުގެ ކަނަށް ވައްދަލައިގެންނެވެ.
މެޗުގެ އިތުރު ވަގުތުތެރޭގައި ބުރުގެ އަލީ އަޝްފާގަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.
މި މެޗާ އެކު ލީގުގެ 12 ހަފްތާގެ ކުޅުން ނިމުނު އިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއްވަނައިގަ އޮތީ 34 ޕޮއިންޓާއެކުއެވެ. އޮޑި ސްޕޯޓްސް ކުލަބު ދެވަނައިގަ އޮތީ 28 ޕޮއިންޓާއެކުވެ.
މި ހަފްތާގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ވިކްޓަރީ ސްޕޯޓްސް ކުލަބު ފަސްވަނައިގަ އޮތީ 19 ޕޮއިންޓާއެކުވެ. އީގަލްސް ހަވަނައިގަ އޮތީ 16 ޕޮއިންޓާއެކު އެވެ. ޓީސީ މޮޅުވެ ހޯދި 9 ޕޮއންޓާ އެކު އެޓީމުން 7 ވަނަ އަށް ކުރިއަށް ޖެހިލިއިރު ކުލަބު ގްރީން ސްޓްރީޓްސް 8 ވަނާއިގަ އޮތީ 8 ޕޮއިންޓާއެކުވެ.
ތާވަލުގެ ފުލުގައި އޮތް ދެޓީމަކީ ޔުނައިޓެޑް ވިކްޓަރީ އާއި ކުލަބު ވެލެންސިއާ އެވެ. ދެޓީމަށް ވެސް 12 މެޗުން ލިބިފަވަނީ 7 ޕޮއިންޓެވެ.