ދިވެހިރާއްޖޭގައި 2026ވަނަ އަހަރު ދިރިއުޅޭ އާބާދީގެ ކޮންމެ 5 މީހުންގެ ތެރެއިން 2 މީހުންނަކީ ބިދޭސީން ކަމަށް ރާއްޖޭގެ އާބާދީގެ އަންދާޒާ ރިޕޯޓަކުން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީ ކުރިއަށް އޮތް 10 އަހަރުވެސް އިތުރުވާނެއެވެ. އަދި 10 އަހަރަށްފަހު ބިދޭސީންގެ އާބާދީ މެދުއިރުމަތީގެ ޤައުމުތަކުގައި އިތުރުވަމުންދާ މިންވަރަށް އިތުރުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ބިދޭސީންގެ އާބާދީ އިތުރުވުމުގެ ސަބަބުން 2026ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީ 678،024 އަށް އަރާނެ ކަމަށް ބެލެވެއެވެ. މީގެ ތެރެއިން ދިވެހީންގެ އާބާދީއަކީ، 414،679 ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބިދޭސީންގެ އާބާދީއަކީ، 263،345 އެވެ.
މިއީ، އެންމެފަހުން ހެދި ރާއްޖޭގެ ބޯހިމެނުމުގެ ރިޕޯޓުގައި ހުރި އަދަދުތަކަށް ބަލާއިރު ކަންބޮޑުވާ މިންވަރެއްގެ އަދަދުތަކެކެވެ. އެގޮތުން ބޯހިމެނުމުން ދައްކާ ގޮތުގައި 2023ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީއަކީ، 515،132 އެވެ. އޭގެތެރެއިން ދިވެހިންގެ އާބާދީއަކީ، 382،639 މީހުންނެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއަކީ، 132،493 އެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ 5 މީހެއްގެ ތެރެއިން 2 މީހުންނަކީ، ބިދޭސީންނެވެ. އެއީ، މުޅި ޖުމްލަ އާބާދީގެ %39 ކަމަށް ލަފާކުރެއެވެ.
ރާއްޖޭގައި މިހާރުވެސް މަސައްކަތް ކުރާ އުމުރުފުރާގައި ގިނައީ، ބިދޭސީންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި 25 އަހަރާއި، 29 އަހަރާ ދެމެދުގެ އާބާދީގައި ދިވެހި ފިރިހެނުންނަށްވުރެ 17،000 ބިދޭސީން ގިނައެވެ. މި އަދަދު 2026 ވަނަ އަހަރާއި ހަމައަށް 40،000 އަށް އިތުރުވާނެ ކަމަށް ބެލެެވެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި 2022ވަނަ އަހަރު އަންހެނުން ދަރިން ހޯދާ މިންވަރު ހުރީ ވަރަށް ދަށުގައެވެ. އަދި 2026 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އަންހެނުން ދަރިން ހޯދާ އަދަދު އަންހެނަކަށް 1.5 ދަރިންނަށް ދަށްވާނެ ކަމަށްވެސް ލަފާކުރެއެވެ. މިއާއެކު 2026ގައި ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ އާބާދީ %22ން %11 އަށް ދަށްވާނެއެވެ.
ރިޕޯޓުގައިވާ ގޮތުން 2026ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޒުވާނުންގެ އާބާދީ ދަށްވެ، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުތަނުން އިތުރުވާނެއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %4 އުމުރުން ދުވަސްވީ މީހުން ހިއްސާކުރާއިރު، 2026 ވަނަ އަހަރު އެ އަދަދު %18 އަށް އިތުރުވާނެއެވެ.